ކޮވިޑް-19 ޖެހިގެން ތިން މަހުގެ ކުއްޖަކު ގދ.ތިނަދޫން ނިޔާވެއްޖެއެވެ.

ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ ފިރިހެން ކުއްޖެކެވެ. އެކުއްޖާ ނިޔާވީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އެކުއްޖާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ނިޔާވި ކުއްޖާގެ އާއިލާ މެންބަރަކު "ހުވަދޫ" އޮންލައިނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ކުއްޖާ ރޭ ފަތިހު ފެސިލިޓިއަށް ގެންދިއުމުން ކުއްޖާއަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށެވެ. ހަތަރު ގަޑިއިރު ވެގެންދިޔަ އިރުވެސް އެކުއްޖާއަށް ފަރުވާ ދެވިފައި ނުވާ ކަމަށާއި، އޮކްސިޖަން ދޭން ފަށާފައިވަނީ ކުއްޖާ ރެސްޕޯންޑް ކުރުން ހުއްޓާލިފަހުން ކަމަށް ވެސް އާއިލާ އިން ބުނެއެވެ.

ނަމަވެސް މިކަމާއި ގުޅިގެން އަދި ތިނަދޫ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ބަހެއް ނުލިބެއެވެ.

ކޮވިޑްގައި ކުޑަކުދިން ނިޔާވާ ނިސްބަތް ވަރަށް މަދެވެ. ތިން މަހުގެ ކުއްޖަކު ކޮވިޑްގައި ނިޔާވުމުން މިއީ ރާއްޖޭގައި ކޮވިޑްގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ. މީގެ ކުރިން ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި އެންމެ ހަގު ކުއްޖަކީ އުމުރުން 10 އަހަރުގެ މިޝްކާއެވެ. މިޝްކާ ނިޔާވީ ވެސް އެޗްޕީއޭގެ އިހުމާލުން ފަރުވާ ދިނުން ލަސްވެގެންނެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް ތިން މަހުގެ ކުއްޖަކު ކޮވިޑްގައި ނިޔާވިކަން އަދި އެނގޭކަށް ނެތެވެ.

ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 239 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު