ކޮވިޑް-19 ޖެހިގެން އައްޑޫސިޓީން މީހަކު ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މި ބަލީގައި އައްޑޫން ނިޔާވެފައިވާ މީހާއަކީ ކޮވިޑް ފެސިލިޓިގައި ފަރުވާދެމުން ދަނިކޮށް ނިޔާވި މީހެކެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އައްޑޫ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 87 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު 18:35 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއާއި އެކީ އައްޑޫން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ ފަހެކަށް އަރާފައެވެ. އަދި މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 239 ވަނަ ފަރާތްކަން ފާހަގަ ކޮށްލެވެއެވެ.

އައްޑޫން އެންމެ ފުރަތަމަ ކޮވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިއަހަރުގެ މޭއި މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ޖެހިގެން އައި ދުވަހު 91 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާއިރު، އޮގަސްޓް މަހުގެ 23 ވަނަ ދުވަހު 92 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެ، އޮކްޓޯބަރު އަށް ވަނަ ދުވަހު 97 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.

އައްޑޫގައި މިވަގުތު ކޮވިޑަށް ފައްސިވެފައިވާ 246 މީހަކު ތިބިއިރު، މި ބަލި ޖެހުނު މީހުންގެ ތެރެއިން 1،523 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.