މި ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ތަސައްވަރަށް އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ އެލެއިނާ ޓެޕްލިޓްޒް ތައުރީފުކުރައްވާފައެވެ.

އެކަމަނާ މިފަދަ މޭރުމަކުން ރައީސް ސޯލިހަށް ތައުރީފް ކުރައްވާފައި ވަނީ އެމަނިކުފާނުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާ އާއި ސަފީރު ވަނީ ދެ ޤގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސް ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި، ހެޔޮވެރިކަން ކުރިއަށްގެންދިއުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، އިޖްތިމާއީ-އިގްތިސާދީ ގޮތުން ކުރިއަށްދިއުމަށާއި އަދި ކައުންޓަރ ޓެރެރިޒަމް ކުރިއަށްގެންދިއުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭކަމަށްޓަކައި އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމެރިކާގެ ރައީސް ބައިޑަންގެ ސަރުކާރުން ޕެރިސް އެގްރީމަންޓްގައި ބައިވެރިވުމަށް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސްގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމެރިކާއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް ރާއްޖެއިން ދެކޭކަމަށް ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖެއިން ބައިނަލްއަގްވާމީ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތައްކުޑަކުރުމަށް ހިންގޭކަންކަމަށް ހަރަދުކުރުމަށް ގޮވާލާ ރާއްޖެއިން ކުރާ މަސައްކަތް އެކަމަނާ ފާހަގަކުރެއްވެވިއެވެ. އަދި ރާއްޖެއާއެކު ޚިޔާލު އެއްގޮތް ކަންކަމުގައި މަސައްކަތް ކުރުމަށް ބޭނުންފުޅު ވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ތިމާވެށި ރައްކާތެރިކުރުމަށާއި، ކާރިސާއެއް ކުރިމަތިވާހިނދު އެކަމުން އަރައިގަތުމަށް ކުރެވެންހުރި ކަންތައްތަކާއި އަދި ކައުންޓަރ ޓެރެރިޒަމްގެ ދާއިރާ އިން މަސައްކަތްކުރަން ބޭނުންފުޅުވާކަން އެކަމަނާ ފާހަގަކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ރ ސޯ ލިހުގެ ތަސައްވުރެ އެބައޮތްތޯ..އެމެރިކާގެ ސަފީރަށް އިބޫދެއްކި ތަސައްވުރެ އަހަރެމެން ރައްޔިތުންނަކަށް ނުދައްކާ ނުފެނޭ ގައުމު ފޮތިފޮތިކޮށް ބޭރު ކަރަކަރައަށް ބެހުމަކީ ސޯ ލިހުގެ ތަސައްވުރެނަމަ އެކަން ފުރިހަމަވެއްޖެ..

  2. Anonymous

    ހުޅަނގު ގައުމު ތަކުގެ މީހުން މިސަރުކާރުގެ ސިޔާސަތަށް ތާއީދުކުރާނެކަމީ އެއްވެސް ޝައްކެއްވެސް އޮތްކަމެއްނުން.

  3. ދޯކާ 1

    ސަފީރު ހަމަ އެހެން ބުނިބާ ؟؟ ހަޤީގަތް ނޭނގި ނުހުންނާނެ ،.

  4. ދޮނާ

    ޖަޒީރާ ރާއްޖޭގެ ތަސައްވުރުތަ !! ދަރުމަވަންތަ ހޮސްޕިޓަލާ ‘ އެއާޕޯޓް.އާ ސްކޫލް ތަށް މޯގޭޖްކޮށް ލޯނުނަގާ ތަސައްވުރުތަ !! ލޯނުދަށްކަން ލޯނުނަގާ ތަސައްވުރުބާ ؟؟

  5. ހެހެހެކެކެ

    ހުޅަނގުން ތާއީދު ލިބެނީ ލާދީނީ ކުރުމަށް