މިއަހަރުގެ ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ފުރުޞަތު ގެއްލިދާނެތީ، މިހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިޔާސީ އިންތިޚާބު ނިމެންދެން "ރަށްވެހިކަން" ބަދަލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރިޔާސީ އިންތިޚާބު 2018 ގައި ވޯޓު ދިނުމަށްޓަކައި 2018 ޖުލައި އެއްވަނަ ދުވަހުން ފެށިގެން 2018 ސެޕްޓެމްބަރ 23 އާ ހަމައަށް ރަށްވެހިކަން ބަދަލު ނުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް އާއްމުކުރި ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތައް ބަލައި، ފައިނަލް ލިސްޓު އެކުވައިލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށާއި، މިހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަށްވެހިކަން ބަދަލުކުރާ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ގެއްލިދާނެ ކަމަށެވެ.

ރަށްވެހިކަން މި މުއްދަތުގައި ބަދަލުކޮށްފިނަމަ ރިޔާސީ އިންތިޚާބުގައި ވޯޓު ނުލެވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި މިވަނީ، މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހައުސިން މިނިސްޓްރީން މިދިޔަ ހަފުތާގައި އަލުން ފުރުސަތު ހުޅުވާލާފައިވަނިކޮށްކަން ފަހަގަކޮށްލެވެއެވެ.

ރިޔާސީ އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚްގައި ބޭއްވުމަށް އަދި ވޯޓުލާ ރައްޔިތުން ހޭލުންތެރި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، މިއަހަރުގެ އިންތިޚާބުގައި ބޭނުންކުރާ ވޯޓުލާ މީހުންގެ ލިސްޓުގައި ވޯޓުލާ މީހުންގެ ފޮޓޯ ނުހިމަނާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެއެވެ.

މީގެ އިތުރުން ރާއްޖެ އިން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދައިވައިގެން ތިއްބެވި ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު މެންދުރުފަހު ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު