ރާއްޖޭގައި ޒަމާނުއްސުރެ ކިޔައި އުޅޭ ދެ ލޯބިވެރިންގެ މަޝްހޫރު ވާހަކައެއް ކަމަށްވާ "ދޮންހިޔަލަ އާއި އަލިފުޅު" ގެ ވާހަކައިން ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިޝްތިހާރު ކުރުމުގެ ބޭނުމުގައި ކުޅެފައިވާ ވީޑިއޯ ވިޒިޓް މޯލްޑިވްސް އިން އާންމުކޮށްފައިވާ އިރު، މިއީ ހިޔާލީ ވާހަކަތަކުގެ ތެރެއިން ރާއްޖޭގެ ރޯމިއޯ އެންޑް ޖޫލިއަޓްގެ ވާހަކަ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ކުރީގެ ހިޔާލީ ވާހަކައެއް ކަމަށްވާ ދޮންހިޔަލާއި އަލިފުޅުގެ ވާހަކަ އެތައް ގޮތަކަށް ކިޔައިދޭއިރު މި ވާހަކަ ރާއްޖޭގެ ކުޅަދާނަ ލިޔުންތެރިޔާ އަބްދުﷲ ސޯދިގް (ސޯދުބެ) ވެސް ވަނީ ދިގު ވާހަކައެއްގެ ގޮތުގައި ލިޔުއްވާފައެވެ.

މި ވާހަކައިގައި އަލިފުޅަކީ ހުޅުދެލި އަށް ނިސްބަތްވާ އެކަނިވެރި މަސްވެރިއެކެވެ. ދޮންހިޔަލަ އަށް ލިބިފައިވާ ރީތިކަމުގެ ސަބަބުން އޭނާ އަށް ވަނީ ’ފަންމިނި‘ މި ލަގަބު ދީފައެވެ. މި ލަގަބު ދެނީ އާދަޔާ ހިލާފަށް ރީތި އަންހެނުންނަށްކަން ފާހަގަ ކުރެވެއެވެ.

ދޮންހިޔަލަ ދިރިއުޅެމުން އައީ އޭނާގެ އާއިލާއާއި އެއްކޮށް ބުރުނީގައެވެ. އޭނާގެ ރީތިކަމާއި ގުޅިގެން ދޮންހިޔަލަގެ އާއިލާއިން އޭނާ ގެންގުޅެނީ މީހުންނަށް ފޮރުވައިގެންނެވެ. އެއީ ތަހުތުގައި އެދުވަސްވަރު ހުންނެވި ނުލަފާ ރަސްގެފާނަށް ދޮންހިޔަލާ ފޮރުވުމުގެ ބޭނުމުގައެވެ.

އެއްރޭ އަލިފުޅަށް ނިދީގައި ދޮންހިޔަލަ ފެނުނެވެ. ދޮންހިޔަލަގެ ރީތިކަން އަލިފުޅަށް އެނގުމުން އޭނާ ދޯންޏެއް ބަނދެ ދޮންހިޔަލަ ހޯދުމަށް ބުރުނީއަށް ދިޔައެވެ. އަލިފުޅަށް ދޮންހިޔަލަ ފެނި ދެމީހުންނަށް އެކަނު އަނެކަކު ދެކެ ލޯބިވެވި ކައިވެނި ކުރިއެވެ.

އަލިފުޅާއި ދޮންހިޔަލަ ކައިވެނިކުރިކަމުގެ ހަބަރު ރަސްގެފާނާއި ހިސާބަށް ދިޔައެވެ. ރަސްގެފާނާ ހިސާބަށް މި ވާހަކަތައް ގެންދެވުނީ ޅައިމަގު ފަގީރުކޮއި މެދުވެރިކޮށެވެ. ރަސްގެފާނުގެ އަމުރަށް ވަގުތުން ދޮންހިޔަލަ މާލެ ގެންދެވުނެވެ. އެއާއެކު އަލިފުޅާ ދޮންހިޔަލަ ރަސްގެފާނުގެ ކިބައިން ސަލާމަތް ވުމަށް މަސައްކަތް ފެށިއެވެ.

ނަމަވެސް ދޮންހިޔަލާއި އަލިފުޅުގެ މަސައްކަތް ކާމިޔާބުނުވެ ރަސްގެފާނުގެ އަތްދަށުން ސަލާމަތް ވުމަށް ކަނޑަށް ފުންމާލަން މަޖުބޫރުވިއެވެ.

މި ވާހަކަގެ މަންޒަރުތަކުން ފެނިގެންދަނީ ރާއްޖޭގެ މަޝްހޫރު ފިލްމީތަރިން ކަމަށްވާ މަރިޔަމް ޝިފާ އާއި އަލީ އާޒިމް (ދޮންއައްޔަ) އެވެ. އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ މި ކުރު ފިލްމުން މި ވާހަކަ ފުރިހަމައަށް އިނގިރޭސިބަހުން ގެނެސްދޭއިރު ރާއްޖޭގެ ހިތްގައިމު މަންޒަރުތައްވެސް ފިލްމުގައި ފެނިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މަ

  ސަންދޯކޭ ކިޔާފަވެސް އިސްތިހާރު ކޮއްފާނަން ދޯ ޕިސް ޕިސް އަައުރަ ފާޅުކޮއްގެން އިސްތިހާރުވާނީ ހަމައެކަނި ރާއްޖެއެއް ނޫން އަމިއްލަ މީހާވެސް
  ހެޔޮ ވިސްނުން ދެއްވާށި

 2. ކަނބާ

  "މި ވާހަކައިގައި އަލިފުޅަކީ ހުޅުދެލި އަށް ނިސްބަތްވާ އެކަނި މަސްވެ ރިއެކެވެ." ވާހަކައިގައި އޮތީ މިހެންތޯއެވެ.؟

 3. ދިދަ ދަނޑި

  މީގެން އިޝްތިހާރު މިވަނީ ރާއްޖެއެއް ނޫން، އެހެން އެއްޗެއް.. . އެހެން ނޫނަސް މީގަ މިއޮތީ އަސްލު އޮޅުވާލާފަ، އަސްލު ވީ މިހެނެއްނޫން..

 4. ފޫކޮޅު

  އަލިފުޅު ޓައިމް ޓްރެވެލް ކޮށް އަނެއް ދިވެހިރާއްޖެ އަށް އާދެވުނުތަނާ މި ފެނުނީ ހިޔަލަ އުނުއޮރިޔާން ނިވާ ނުވާހާލު ހުއްޓާ. ދެން ކިހާވަރަކަށް ދުވަން ޖެހޭނެ. އެހެންޏާފަހެ. އޭނަ މުންޑު ގަ. މީނަ މިޑީގަ އޭނ. ކޮބާހޭ ލިބާސް. ތަންކޮޅެއް ނިވާ ކަން ބޮޑީ؟

 5. މުރާލިދޮންބެ

  ހުޅުދެލީ ގެ އެއްވެސް މަންޒަރެއް އަޑެއް ހިމަނާލިތޯ، މީހަކާ ސުވާލެއްވެސް ކޮއްލިތޯ
  އަނެއްކާ ދޮންހިޔަލަ އަކީ އެހާ ކަރުބޮޑު ލިބާސް ލީ އަންހެނެތްބާ؟
  އެދެ މީހުން މަރުވީ ސުއިސަޑް މަރަކުން އެކަމަށްވެސް ރާއްޖެ އިސްތިހާރު ކުރާއިރު ހިތްވަރު ދެނީ ތޯ؟
  މުޖުތަމައުގެ ޒުވާނުންނަށް ރަގަޅު މިސާލު މިދެނީ މީހަކު ކޮސްވެދާނެ،
  އައި ވޯސް ކޮސް
  ބަޔަކަށް ރުފިޔާ ގަޑެއް ދޭންވީމާ އަމިއްލަ ޖަގިޔާ ވެސް އިސްތިހާރު ކުރަންވީ......