މާލޭގެ މަޖީދީ މަގުގައި ހިނގާދިޔަ އެކްސިޑެންޓެއްގައި ކުއްޖަކު މަރުވި މައްސަލައިގައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށާއި، ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އެ ކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ ހ.ހެޕީނައިޓް އިރުމަތީބައި، މުހައްމަދު އާދަމްގެ މައްޗަށެވެ.

މިއީ 2014 ވަނަ އަހަރު ޑިސެންބަރު މަހުގެ ހަ ވަނަ ދުވަހުގެ ހަވީރު މަލޭގެ މަޖީދީ މަގުގައި ޕިކަޕާއި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓްގައި ސައިކަލު ފަހަތުގައި އިން ހަތަރު އަހަރުގެ ޝަދުވާން ޝާފިއުއަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި މައްސަލައެވެ.

މި ހާދިސާ ހިނގާފައި ވަނީ، އެ ދުވަހުގެ ހަވީރު 5.37 ހާއިރު މުހައްމަދު އާދަމް މަޖީދީ މަގުގެ ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ގަވާއިދާއި ހިލާފަށް، މަގުގެ ކަނާތްފަޅިން ޕިކަޕް ދުއްވާފައި ދަނިކޮށް، އެ މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ދެ ސައިކަލު އެކްސިޑެންޓްވެގެންނެވެ.

މި އެކްސިޑެންޓްގެ ސަބަބުން އެ ސައިކަލުގައި ދުއްވަން އިން ދެ މީހުންނަށްވެސް ބޮޑެތި އަނިޔާތަކެެއްވެ، އެތަނުން އެއް ސައިކަލުގެ ފަހަތުގައި އިން ހަތަރު ހަތަރުގެ ޝަަދުވާންއަށް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

މި މައްސަލައިގައި މުހައްމަދު އާދަމްގެ މައްޗަށް ކުރަނީ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާއެވެ. އަދި މި ހާދިސާ ހިނގިކަމަށް އޭނާ އިންކާރަކޮށްފައިނުވާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ އޭނާގެ ބަނޑާއި އުނަގަނޑަށް އެރި ތަދެއްގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެފަދަ ކަމެއް މެދުވެރިވެދާނެ ސަބަބެއް އޭނާގެ މެޑިކަލް ރެކޯޑް ތަކުން ނުދައްކާ ކަމަށް ހުކުމްގައި ވެއެވެ.

މިއާއެކު އޭނާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެ، އެ ކުށުގެ އަދަބެެއްގެ ގޮތުގައި 250 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައި ވެއެވެ.

އަދި މި އެކްސިޑެންޓްގައި ނިޔާވި ހަތަރު އަހަރުގެ ކުއްޖާގެ މަންމަ އާއި ބައްޕަ، މަރުގެ ދިޔަ ބޭނުންވާކަމަށް ބުނެފައިވާތީ، އެއް މިލިއަން ރުފިޔާ ފަސް އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމާއެކު، ކައްފާރާއެއްގެ ގޮތުން ވިިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ހުކުމްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސނޕ

    ވަރަށް ރަނގަޅު

    6
    2
  2. އަލީ ސަމީރު

    މީގަ ވެސް ގޯސް އެބަ އުޅޭ.
    ކުރިން ކުރި ކުށަކަށް ފަހުން ގާނޫނު ހަދާ އަދަބު ދޭ އުސޫލު މީގަ މިއޮތީ.
    އަދަބު ކަނޑައަޅަންވާނީ ކުށް ކުރި އިރު އޮތް އަދަބު.

    ހުރިހާ ކަމެއްގަ ވެސް މި އޮންނަނީ ވާޗޫ ސިގްނަލް ކުރުމާ ވޯކް ވުން

    1
    2