އިނގިރޭސިވިލާތުގެ ސްކޮޓްލެންޑުގެ ގްލަސްގޯގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26)ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި، ހަމަޖެއްސެވި އދގެ އިންސާނީ ހައްގުތަކާބެހޭ ކުރީގެ ހައި ކޮމިޝަނަރ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ރައީސް ސާލިހް ވަނީ، ޕްރިންސް ޒެއިދު ރައަދު އަލް ހުސައިން އދގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރަކަށް ހުންނެވި ދުވަސްވަރު ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއެކު އަލަށް ފެއްޓެވި މަސައްކަތް ވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމަކަށް ވަރަށް ނާޒުކު މައްސަލައެއްކަން ފާހަގަ ކުރައްވާފައިވެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ހާމަވެގެންދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކޮޕް26 ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޕްރިންސް ޒައިދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އެއްބާރުލުން ދެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުންވަރަށް ބޮޑަށް ފާހަގަކުރައްވައި، ރާއްޖޭގެ ވަފްދުގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފަހުރެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމުގައި ކުދި ޖަޒީރާ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުންވެސް ރައީސް އާއި ޕްރިންސް ޒާއިދު މަޝްވަރާކުރެއްވިއެވެ.

އެގޮތުން، ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ކާރިސާތަކުން އަރައިގަތުމަށްޓަކައި، ވިލުންވެރިކަން އިތުރުކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ކުރަންޖޭ ކަންކަން ކުރުމަށް އިތުރު އެހީއަށް ބޭނުންވެފައިވާ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް، ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ނުލިބުން އެއީ ކުރިމަތިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ކޮޕް26 ގެ ބައްދަލުވުމުގައި ރާއްޖެއިން އިސްކަންދޭ ކަންކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

ޕްރިންސް ޒެއިދް ރައަދު އަލް ހުސައިނަކީ އިންޓަރނޭޝަނަލް ޕީސް އިންސްޓިޓިއުޓް (އައިޕީއައި)ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ. މީގެ ކުރިން ޕްރިންސް ޒެއިދު އުރުދުންގެ ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު 2014 އިން 2018 އަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަން ރީނދޫ

    ކުރީގަ މަގާމުގަ ހުރި މީހަކާ ބައްދަލު ވެސް މިކުރަނީ. ލީޑަރުން ހިންނަވަރު ކުޑަ މޯދީ ބޮއިކޮޓް ކުރީދޯ.