މޫސުން ގޯސްވުމުގެ ސަބަބުން ނުވަ އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:45 އިން ފެށިގެން މިރޭ 23:45 އާއި ހަމައަށެވެ.

މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަވާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، އިއްޔެ މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.

މޫސުން ގޯސްވާ ފަހަރުތަކުގައި ކަނޑު ދަތުރު ކުރާ އުޅަނދުތައް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.