ދެކުނުގެ މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ފެށުމަށް ހަމަޖެހިފައިވާ "ޖަޒީރާ މަސްރޭސް 2021" ފަށާ ތާރީހު ފަސްކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލާއި ގުޅިގެން އިކުއެޓޯރިއަލް ފިޝިން ކްލަބްގެ ފަރާތުން އައްޑޫގައި ބާއްވާ މި މުބާރާތް މިހާރު ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް އިންތިޒާމު ކޮމިޓީން ވަނީ ބުނެފައެވެ.

އިންތިޒާމު ކޮމެޓީގެ ފަރާތުން އަޙްމަދު ނިޝާން "ވަގުތަށް" މައުލޫމާތު ދެމުން ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާއި ބެހޭ ގައުމީ އިދާރާއާއި ޓީމުތަކާއި ކޮމިޓީއާއި މަޝްވަރާ ކުރުމަށްފަހު މުބާރާތް ބާއްވާ ތާރީހު ފަސްކޮށްފައިވާ ކަމަށެވެ.

"ވައިބާރުވެ ކަނޑު ގަދަވުމުން ރިސްކު އޮންނާނެތީ ޓީމުތަކުން ވެސް އެދިގެން މިހާރު ވަނީ މުބާރާތް 13 ވަނަ ދުވަހު ފަށާ ގޮތަށް ނިންމާފައި" ނިޝާން ވިދާޅުވިއެވެ.

މިދިޔަ އަހަރު ވެސް އެކްލަބްގެ ފަރާތުން މުބާރާތެއް ބާއްވާފައިވާއިރު، މިއަހަރުގެ މުބާރާތުގައި ބައިވެރިވަނީ ޖުމްލަ 11 ޓީމެވެ. ކޮންމެ ޓީމެއްގައި މަދުވެގެން ދެ މީހުން އަދި ގިނަ ވެގެން ހަ މީހުން ތިބެއެވެ.

މުބާރާތުގެ އެއްވަނައަށް ދާ ފަރާތްތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު، ދެވަނަ ޓީމަށް 20،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ވަކި ވަކި ފަރާތްތަކަށް ޓްރޮފީ ހަވާލު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޯންސާއަކީ ޝޮޕް އެން ގޯ އެވެ. އަދި ސިލްވާ ސްޕޯންސަރަކަށް ސްޓާޓް ބެޓެރީ ހަމަ ޖެހިފައިވާއިރު، މީޑިއާ ޕާޓްނަރަކީ "ވަގުތު" އެވެ.