40 މޭލަށް ވައި ގަދަވާނެތީ ހއ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ދެންމެ ނެރުނު ސަމާލުގައި ވަނީ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް އާއްމުގޮތެއްގައި 19 މޭލާއި 24 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

ސަމާލު ނެރެފައި ވަނީ މިރޭ ފަތިހު 05:15 އާއި ހަމައަށެވެ.

ރާއްޖެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން، ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އާންމުކޮށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން އިންޑިއާ އާއި ސްރީލަންކާ އަށް ވެސް އަންނަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު