ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ސާބިތުނުވާ ކަމަށް ކަނޑައެޅުމުން، އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން ދިރާސާ ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ.

ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލައިގައެވެ. މި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާގެ މަގާމުގައި ހުންނެވި އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް އެ ދައުވާ އުފުލިއެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ ޑރ. ޒިޔާދުގެ މައްސަލާގައި އިސްތިއުނާފީ ބެކްގްރައުންޑްއެއް ނުވަތަ ނުކުތާތައެއް އޮތްތޯ ބެލުމަށް ދިރާސާ ކުރުމުގެ މަސައްކަތް ޕީޖީ އޮފީހުން ކުރަމުންދާ ކަމަށެވެ.

"60 ދުވަސް ލިބޭނެ އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމަން،" ގޮތެއް ނިންމަން ޖިނާއީ އިޖުރާއަތުގައި ދެވިފައިވާ މުއްދަތުގެ ކުރިއަށް ގޮތެއް ނިންމޭނެ ކަމުގެ ޔަގީން ކަން ދެއްވަމުން ޝަފީއު ވިދާޅުވިއެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ މިސްބާހް މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ޑރ. ޒިޔާދާއި، ސައިދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކަނޑައަޅަން ނިންމެވީ އެހެން މީހަކަށް ނާޖާއިޒް މަންފާއެއް ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބެލެވޭނެ އެއްވެސް އުންސުރެއް އަދި ހެއްކެއް ފެންނަން ނެތުމުން ކަމަށެވެ.

އޭސީސީން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ވަނީ، ޒިކުރާ މިސްކަތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލް ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތު ނެތް ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރީ އެ އޮންނަ އުސޫލުގެ ބޭރުން ކަމަށާއި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް އޮތެވެ.

މި މުއާމަލާތާ ގުޅިގެން އެސްޖޭ ކުންފުންޏާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެ މައްސަލާގައި ހިމެނޭ އެ ބައި ފުލުހުންނަށް ހުށަހެޅުމަށް އޭސީސީއަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ލަފާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަމަނަ

    މި ސަރުކާރަށް ކުރެވޭނީ ހަމަ އެކަނި ތިކަހަލަ ކަންކަން. ރައީސް ޔާމީންއާއި އެމަނިކުފާނުގެ ތަރައްގީގެ ބައިވެރިން ފަހާ ދުވުން ނޫން ކަމެއް ތިން އަހަރުވެގެން ދިޔައިރު ކުރެވުނުތޯ ނާގާބިލު ސަރުކާރަށް. އުންސުރު ހަމަނުވާ ކަމަށް ބުނެ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރި މައްސަލަތައް ބެއްލިއްޔާ މާ ރަގަޅު ނޫންތޯ؟ ދައުވާ ފޯމުތަކުގައި އިމްލާ ކުށްތައް ނުލިޔެ ބޮޑު ފިނޮޅު މައްސަލަ ފަދަ މައްސަލަތަކުގައި ފޯމުތަކުގައި ހުރި ކުށްތައް އިސްލާހު ކޮށްލުންވެސް މާ ރަގަޅުވާނެ!