ގދ. ފަރެސްމާތޮޑާ މަސް ދޯންޏެއްގެ ގިނަ ފަޅުވެރިންތަކެއް ކޮވިޑަށް ފައްސިވެއްޖެއެވެ.

ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ މެނޭޖަރު މުހައްމަދު ސަބާހު "ވަގުތަށް" ވިދާޅުވީ، ފައްސިވެފައިވަނީ އެރަށު ވައިކިންގް ނަމަކަށް ކިޔާ މަސް ދޯންޏެއްގެ ފަޅުވެރިންތަކެއް ކަމަށެވެ.

ސަބާހު ވިދާޅުވީ، އެންމެ ފުރަތަމަ ދޯނީގެ ފަޅުވެރިއަކު ފައްސިވެފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ބަލީގެ އަލާމާތްތަކެއް ހުރެގެން ފްލޫ ކްލިނިކަށް ދައްކައި ނެގި ސުންކުން ހަވަނަ ދުވަހު ކަމަށެވެ.

"އޭގެ ފަހުން ދޯނީގެ މީހުން ރަށުގައި އުޅޭތީ އެމީހުން ގޭގައި ކަރަންޓީނު ކުރީ. ދެން މިހާތަނަށް ޖުމްލަ 15 ފަޅުވެރިއަކު މިވަނީ ފައްސިވެފައި" ސަބާހު ވިދާޅުވިއެވެ.

ސަބާހު އިތުރަށް ވިދާޅުވީ، މި ވޭދަނަތަކާއި ގުޅިގެން ރަށު ތެރެއިން ވަކި ތަރުތީބެއް ނެތި ސުންކުތަކެއް ނެގި ކަމަށާއި އެހެން ނަމަވެސް ފަޅުވެރިން ފިޔަވައި އެހެން ބަޔަކު ބައްޔަށް ފައްސިވެފައި ނުވާ ކަމަށެވެ.

ފަރެސްމާތޮޑާއިން ގިނަ ފަޅުވެރިންތަކެއް ކޮވިޑަށް ފައްސިވުމާއި ގުޅިގެން މިވަގުތު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.