އައްޑޫސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 2000 އިން މައްޗަށް އަރައިފިއެވެ.

އައްޑޫއަކީ ކޮވިޑް ފެތުރިފައިވާ ރަށްތަކުގެ ތެރެއިން ބަލީގެ ނުރައްކާ ބޮޑު، ދުވަހުން ދުވަހަށް ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ސިޓީއެކެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ، އިއްޔެ އާއި ހަމައަށް އެސިޓީން 2353 މީހަކު ކޮވިޑް1-9 އަށް ފައްސިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން 1947 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

އެސިޓީގައި މިވަގުތު މި ބައްޔަށް 397 މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ ހިތަދޫންނެވެ. އެގޮތުން ހިތަދޫގައި މިވަގުތު ބަލި ޖެހިފައި ތިބި 209 މީހަކު ތިބިއިރު، މަރަދޫގައި 76 މީހަކު، މަރަދޫ ފޭދޫގައި 10، ފޭދޫގައި 62، މީދޫގައި 31، ހުޅުދޫގައި ތިން މީހަކު އެބަ ތިއްބެވެ.

އައްޑޫން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ ތެރެއިން މިވަގުތު ތިން މީހަކަށް ފެސިލިޓީގައި ފަރުވާ ދެމުން އަންނައިރު، ނުވަ މީހަކު ވަނީ މި ބަލި ޖެހިގެން އެސިޓީން ނިޔާވެފައެވެ.

އައްޑޫން ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުން އަންނައިރު، މިހާތަނަށް އެސިޓީން 30،611 މީހެއްގެ ސުންކު ވަނީ ނަގާފައެވެ. އަދި މިވަގުތު ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވެގެން 246 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

އައްޑޫގައި ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނާތީ އެސިޓީ އޮތީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.