ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހުކުމް ކުރުމާ މެދުގައި ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން އަންނަ މަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ޔާމީން އުޅުނު ގޭގެ ސިޑި ކައިރީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.

އެއީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ ޚުލާސާ ބަޔާން އިއްވުމެވެ. ޚުލާސާ ބަޔާނުގައި ދައުވާ އުފުލިފައިވާ ފަރާތްތަކުގެ ނުކުތާތަކާއި ދައުލަތުގެ ނުކުތާތައް ފާހަގަކޮށް ނިމުމުން މައްސަލަ މިހާރު ހަވާލުވެ ހުންނެވި ގާޒީ އަލީ އާދަމް ވިދާޅުވީ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވާނެއެވެ. މި ގޮތުން ހުކުމް އިިއްވުމުގެ އަޑުއެހުން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އިއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި އޮންނަ ގޮތުން، ޖިނާއީ ޝަރީއަތެއްގެ ޚުލާސާ ބަޔާން އިއްވުމުގެ މަރުހަލާ ނިމުމަށް ފަހު މަދުވެގެން 30 ދުވަހުގެ ތެރޭގައި އެ ޝަރީއަތެއްގެ ހުކުމް އިއްވަން ޖެހޭނެއެވެ.

ދައުލަތުން އެދުނީ މަރުގެ އަދަބު ދޭން

ދައުލަތުގެ ފަރާތުން ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ކަންކަމާއި ސިއްރު ހެކިވެރިންގެ ހެކި ބަސްތަކުގައިވާ ކަންކަމާއި، ވީޑިއޯ އެނަލިސިސް ރިޕޯޓްގައި ހިމެނޭ ކަންކަމުން ފެށިގެން ވަށައި ގުޅައިލެވެން އެބަ އޮތް ކަމަށެވެ.

މި އެންމެެން ވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ކަމާއި، ވަކިން ޖަމާއަތުގައި ނަމާދު ކުރާ ކަމާއި، ޔާމީން ރަޝީދު މަރާލަން މި އެންމެން ވެސް މަޝްވަރާތަކުގައި ބައިވެރިވެ، އަމަލީ ގޮތުން ވެސް ބައިވެރިވެފައިވާ ކަން ފެންނަން އެބަ އޮތް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މިއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް ވެފައި، އިސްލާމީ ޝަރީއަތުގައި ގަސްދުގައި މީހަކު މެރުމުގެ އަދަބަކީ މަރުގެ އަދަބު ކަމުގައި ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި އެ ހަ މީހުންގެ މައްޗަށް ވެސް މަރަަށް މަރު ހިފުމުގެ އަދަބު ކަނޑައެޅުމަށް ދައުލަތުން އެދިވަޑައިގަތެވެ.

ދިފާއީ ވަކީލުންގެ ނުކުތާއަކަށް ދައުލަތުން ދައުވާ ކުރި ގޮތް

އަމަލީ ގޮތުން މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، ދައުލަތުން ހަ މީހުންގެ މައްޗަށް އުފުލީ އެއް ދައުވާއެއްގައި އެއް ޝަރީއަތެއް ހިންގާ ގޮތަށެވެ. އެ ގޮތަށް ގާނޫނުލް އުގޫބާތުގައި ހިމެނޭ މާއްދާގައި ބަޔާން ކުރާ ބައިވެރިވުމަކީ އަމަލީ ގޮތުން ސީދާ އެ މީހަކު މެރުމުގައި ބައިވެރިވުމެވެ.

ދިފްރާންގެ ގާނޫނީ ވަކީލު އިސްމާއީލް ވިޝާމް ވިދާޅުވީ ދައުލަތުން އުފުލާފައިވާ ދައުވާގައި ހަވާލާދީފައިވާ ގާނޫނީ ނުކުތާގައި ހިމެނޭ މިންވަރުގެ ނިސްބަތަށް ނުވަތަ "ހައި ޑިގްރީ ޕާޓިޝިޕޭޝަންއެއް" ކަނޑައެޅިގެން ދިފްރާންއަށް ދެއްކިފައި ނުވާ ކަމަށެވެ.

ހަ މީހުންގެ މައްޗަށް އެއް ދައުވާއެއް އުފުލި އެ ދައުވާ ސާބިތު ކުރަން 60 އަށް ވުރެ ގިނަ ހެކި ދައްކާފައިވާއިރު، އެއިން ދިފްރާންއާ ގުޅުން ހުރި ފެންނަ ހަމައެކަނި ކަމަކީ ވީޑިއޯ ފުޓޭޖް ކަމަށާއި އެއިން ވެސް ފެންނަނީ ހަމައެކަނި ދިފްރާން ހިނގާފައިދާ މަންޒަރު ކަމަށެވެ.

އޭގެ އިތުރަށް ވީޑިއޯ ރިޕޯޓްގައި ވެސް ފެންނަން އޮތީ އެއީ "ދިފްރާން ކަމަށް ބެލެވޭ" މީހަކު ހިނގާފައިދާ މަންޒަރު ފެންނަ ކަން ކަމަށް ވަކީލު ފާހަގަ ކުރެއްވިއެވެ. އެހެންވެ ދައުލަތުން އުފުލި ދައުވާގެ ބުރަދަނަށްވާ ވަރުގެ ބައިވެރިވުން އޮތް ކަމުގެ ހެއްކެއް ނެތިފައި ނެތް ކަމަށް ވިދާޅުވެ އެ ދައުވާ އުފުލި ގޮތަށް ފާޑުވިދާޅުވިއެވެ.

އިސްމާއީލް ރަޝީދުގެ ގާނޫނީ ވަކީލު މަހުމޫން ހަމީދު ވެސް ހަމަ ނުކުތާތައް ފާހަގަ ކުރައްވާފައި ވިދާޅުވީ ދައުލަތުން ކުރި ދައުވާއަކީ އިސްމާއީލް ރަޝީދަށް ކުރާ ތުހުމަތަށް ބަލާފައި އުފުލޭނެ ދައުވާއެއް ވެސް ނޫން ކަމަށެވެ.

މީހަކު މެރުމުގެ މަޝްވަރާއެއްގައި ނޫނީ ސައްލާއެއްގައި ބައިވެރިވެފައިވިޔަސް އެ މީހެއްގެ މައްޗަށް މެރި ކަމުގެ ނުވަތަ މެރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ދައުވާއެއް ނުއުފުލޭނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

މައުމޫން ހަމީދު ދެން ފާހަގަ ކުރެއްވީ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަން އުފައްދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސޮއިކުރައްވާފައިވާ ގަރާރެވެ. އެ ގަރާރަށާއި ކޮމިޝަނުން މި މައްސަލަ އަލުން ބަލަން ނިންމި ނިންމުމުން އޭގެ ތަހުގީގު ފުރިހަމަ ނުވާކަން ދަލާލަތު ކޮށްދޭ ކަމަށް މައުމޫން ވިދާޅުވިއެވެ.

ހުސައިން ޒިޔާދުގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވެސް ވިދާޅުވީ ދައުލަތުގެ ހުރިހާ ވެސް ހެއްކަކުން ފެންނަނީ މަޝްވަރާއެއްގައި ބައިވެރިވި ކަން ކަމަށާއި އެހެންވެ ގަސްދުގައި މީހާކު މެރި ކަމުގެ ކުށުގެ ދައުވާ އުފުލިގެން ނުވާނެ ކަމަށެވެ.

މި މައްސަލާގައި ޒިޔާދުގެ ބައިވެރިވުމެއް އޮތް ކަމަށް ދައުލަތަށް ކިރިޔާ ވެސް ދެއްކިފައި އޮތީ ސިއްރު ހެކިވެރިޔެއްގެ ހެކިބަހުގައި ހިމެނޭ ކަމަކުން ކަމަށެވެ. އެ ހެކިވެރިޔާގެ ވާހަކަތަކުގައި ފުށުއެރުން ހުރިއިރު އޭނާ ވެސް އެ މަޝްވަރާތަކުގައި ބައިވެރިވި ކަމަށް އިއުތިރާފްވެފައި އޮތުމުން އޭނާގެ ހެކިބަސް ބަލައެއް ނުގަނެވޭނެ ކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާޟީ

    ތި ހުކުމް އިއްވަން އަލީރަޝީދު ގެންނަން ވާނެ ކޮންމެހެން ވެސް

  2. ޢަބްދުލްމުހައިމިން

    " މައުމޫން ހަމީދު ދެން ފާހަގަ ކުރެއްވީ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަން އުފައްދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސޮއިކުރައްވާފައިވާ ގަރާރެވެ. އެ ގަރާރަށާއި ކޮމިޝަނުން މި މައްސަލަ އަލުން ބަލަން ނިންމި ނިންމުމުން އޭގެ ތަހުގީގު ފުރިހަމަ ނުވާކަން ދަލާލަތު ކޮށްދޭ ކަމަށް މައުމޫން ވިދާޅުވިއެވެ." މައުމޫނު ފަދަ ބޭފުޅުން މިބާވަތުގެ ވާހަކަތަކުން ކަންކަން އޮޅުވާލަން މަސައްކަތްކުރައްވާތީ ހިތާމަކުރަން. ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މަރުތައް ތަޙުޤީގުކުރާ ރިޔާސީ ކޮމިޝަނެއް އުފެއްދެވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ނުބެލި ވަކިގޮތެއް ނުނިމިހުރި އެބާވަތުގެ މައްސަލަތައް ބައްލަވާ އަވަހަށް ނިންމެވުން. މިސާލަކަށް ޑރ.އަފްރާޝީމް ޢަލީ، އަޙްމަދު ރިޟްވާނުފަދަ ބޭފުޅުންގެ މައްސަލަތައް. އެއްވެސް ޙާލަތެއްގައި މިކަމާ ގުޅުވައި އިސްމާޢީލު ރަޝީދަށް ދައުވާ ނުއުފުލޭނެއެކޭ ނުދެންނެވޭނެ. ޢަދުލުވެރި ވަކީލެއްގެ ރޯލް އަދާކުރެއްވުމަށް ނަޞޭޙަތްތެރިވަން.

  3. މޫސަ

    ތާކުން ބަޔަކު ހޯދައިގެން މި ދައުވާތަކެއް ކޮށްގެން އަދިވެސް ސާބިތު ކުރެވޭ ކަމަކަށް ނުވޭ

  4. އަޙުމަދު

    މަރުތައް ބަލާ ކޮމިޝަނުން ތިމައްސަލަ ބަލަމުން ދަނިކޮށް ޙުކުމްކުރަނީތޯ؟ އެހެންވިއްޔާ ކޮމިޝަނުން ބަލާ ނިއްމެވީމާ އަލުން ދަޢުވާ ކުރާނީތޯ ނޫނީ ތިކަމުގައި ކޮމިޝަންގެ އިތުރު ކަމެއް ސާފުވާގޮތް ނުވީތޯ؟