ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި ހުރި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް 3،000 މީހުންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ އިދާރާގެ ބައެއް ވެރިންނާ ބައްދަލުވާ ގޮތެއް ނުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މެންބަރުން ވިދާޅުވެއްޖެއެވެ.

"ޗޭންޖް އެންޖީއޭ" ޕެޓިޝަނާ ގުޅިގެން ކޮމިޓީން ކުރި މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ވިދާޅުވީ، އެ ރިޕޯޓްގެ މަސައްކަތުގައި ކޮމިޓީގެ މެންބަރުންނަށް 259 ގަޑިއިރު ހޭދަކުރެވިފައިވާނެ ކަމަށެވެ.

މި ގޮތުން މާލޭގައި ހުރި އެންޑީއޭގެ މަރުކަޒުތަކަށާއި އަތޮޅުތެރޭގައި ހުރި އެންޑީއޭގެ މަރުކަޒުތަކަށް ކޮމިޓީގެ މެންބަރުން ޒިޔާރަތް ކުރި ކަން މުގައްރިރު ނަސީރު ފާހަގަ ކުރެއްވިއެވެ. އެ ތަންތަނުގެ ހާލަތު ވަރަށް ދެރަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންޑީއޭގެ ހުރިހާ މަރުކަޒަކަށް އަޅުގަނޑުމެން ޒިޔާރަތް ކުރިން، އެ ތަންތަނުން ފަރުވާ ލިބޭ މިންވަރު އަޅުގަނޑުމެން ބަލައިލިން، އެ ތަންތަުގެ ހާލަތު ވަރަށް ދަށް، އަތޮޅުތެރޭގެ މަރުކަޒުތައް އޮތީ މުވައްޒަފުންނާ އެކު ވެސް ފަޅަށް،" ނަސީރު ވިދާޅުވިއެވެ.

ނޫސްވެރިން ވެސް މަރުކަޒުތަކުގެ ހާލަތާ ގުޅޭ ގޮތުން އިތުރު ސުވާލުތައް އަމާޒު ކުރުމުން، ކޮމިޓީގެ ނައިބު މުގައްރިރު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވިދާޅުވީ މަރުކަޒުތަކުގައި މަސައްކަތް ކުރަން އަތޮޅުތަކުގައި އެއްބަސްވެފައިވާ ވޮލިންޓިއަރުންނަށް ފެން ފޯރުކޮށްދޭނެ ވަރު ވެސް އެ ތަންތަނުގައި ހަމަޖެހިފައި ނެތް ކަމަށެވެ.

"އަތޮޅުތެރޭ މަރުކަޒުތަކުގައި މަސައްކަތް ކުރަން އެ ދާ ވޮލިންޓިއަރުން ބޯލާނެ ފެން ފޮދެއްހާ ހިސާބު ވެސް، ފެންފުޅިއެއް ވެސް ނޯވޭ އެއިން ތާކު، އެހާ ވެސް ނުބެލެހެއްޓި އެ ތަންތަން ހުރީ،" މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ އެ ތަންތަނަށް ކުރި ދަތުރުގައި މަރުކަޒުތަކުގެ ވެރިންނާއި މެނޭޖަރުންނާ ބައްދަލު ކުރަން މަސައްކަތް ކުރިއިރު، ބައެއް ވެރިންނާ ބައްދަލުވެވޭ ގޮތެއް ވެސް ނުވި ކަމަށް މުޣުނީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ކޮމިޓީ މެންބަރުންނާ ބައްދަލު ކުރަން އެ ވެރިންް ބޭނުން ނުވީ ކަމަށެވެ.

"އެންޑީއޭގެ ބައެއް މަރުކަޒުތަކުގެ ވެރިން ބައްދަލު ކުރާކަށް ވެސް ބޭނުމެއް ނުވޭ، އަޅުގަނޑުމެން ބައްދަލު ވާން ވެގެން ދައުވަތު ދިނުމުން ވެސް ބައްދަލުވާން ދެކޮޅު ހެދީ،" އެއީ ވަކި ކޮން މަރުކަޒެއްގެ ކޮން ވެރިއެއް ކަން ވިދާޅުނުވެ، މުޣުނީ ވިދާޅުވިއެވެ.

ކޮމިޓީގެ ރިޕޯޓް ނިންމައި ވަރަށް އަވަހަށް ތަޅުމަށް ހުށަހަޅާނެއެވެ. ކޮމިޓީގެ ބައެއް ހުށަހެޅުންތަކެއް ވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ. މި ގޮތުން އެންޑީއޭގެ ފަރުވާގެ ނިޒާމަށް ގެންނާނެ ބަދަލުތަކާއި، ސިއްޚީ އަދި ތައުލީމީ ނިޒާމަށް ގެންނާނެ ބަދަލުތައް އޭގައި ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙުމަދު

    މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް ވިޔަފާރި ކުރުން ރާއްޖޭގައި އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިކަން ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތް ތަކުން އެކަށީގެންވާ ކުރިއެރުމެއް ނުލިބޭ ކަން ނޫސްތަކުންނައި ތަފާތު ރިޕޯޓް ތަކުން ފާހަގަ ކުރެވެއެވެ. މިހެން ދިމާވަނީ ކީއްވެގެން ތޯ ޢިލްމީ ގޮތުން އެއްވެސް ދިރާސާއެއް ކުރެވިފައި އޮތްކަމަށް ނުފެނެއެވެ. މީގެ މާނަ އަކީ އެފަދަ ރިޕޯޓެއް ނެތްވާހަކައެއްނޫން. އާންމު ކޮށް ފެނިފައި ނުވާވާހަކަ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކޮށް ކުރިއަށް ގެންދެވިއްޖެނަމަ، ބޭނުން ކުރާމީހުން އަލުން މުޖުތަމަޢު އަށް ނެތެވިދާނެ އެއީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. މި ކަމުގައި ސިންގަޕޫރުގައި ބޭނުން ކުރާ މޮޑެލް ނުވަތަ މެލޭޝިޔާ ގައި ބޭނުން ކުރާ މޮޑެލް ތަށް ރާއްޖޭގައި ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދެވިދާނެ. މަސްތުވާތަކެތި ވިއްކާ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރާ ފަރާތްތަކަށް ސިންގަޕޫރުގައި ދޭ އަދަބު ދިނުމުން އަހަރު ދުވަހުގެ ތެރޭގައި މުޅިރާއްޖެއިން މަސްތުވާތަކެތި ވިއްކާ ވިޔަފާރީގެ ގޮތުން ބޭނުންކުރަމުންދާ މީހުން މަދުވެގެންދާނެކަން ޔަޤީން. ވީމާ ބޭނުން ވަނީ ތެދުވެރިކަމާއި އެކު މި މަސައްކަތް ކުރާނެ ބަޔަކު. ރާއްޖޭގައި ފަރުވާދޭ ސެންޓަރުތައް ހުރިނަމަވެސް ޢިލްމާއި ތަޖުރިބާގެ ގޮތުން އެކަށީގެންވާ ވަރަށް މީހުން ނެތްކަން ފާހަގަކުރެވެއެވެ.

  2. ބޮލި މުލައް

    ރާއްޖެއަށް ބަޑިބޭހުގެ ގޮތުގަ އަލިފާންދަނޑިއެއްގެ މިންވަރު އެތެރެކުރިޔަސް އެނގޭ އެކަމު މަސްތުވާތަކެތި ޓަނުން އެތެރެކުރިޔަސް ދެނެއެއް ނުގަނެވެ.