ހއ. ކެލާގައި ކަނޑޫ ހޮވުން މަނާކޮށް، ހިކިފައިވާ ކަނޑޫ ގަސްތައް ވިއްކާލުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކެލާ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ، އެ ރަށުގެ ކަނޑޫފަލުގައި މަރުވެފައިވާ ކަނޑޫ ގަސްތައް އެ ސަރަހައްދުން ނަގައި، އަލުން ކަނޑޫ އިންދުމުގެ މަސައްކަތް ކުރަން ރޭވިފައި ވާތީ އެތަނުގައި ހިކިފައިވާ ކާނޑޫގަސްތައް ވިއްކަން ނިންމާފައިވާ ކަމަށެވެ.

އެބަޔާނުގައި ބުނެފަިއވަނީ ހިކިފައިވާ ކަނޑޫގަސްތައް ވިއްކާނެ އަގު ކައުންސިލުން ކަނޑައަޅާފައި ވަނީ އީޕީއޭ އިން އެކުލަވާލައިފައިވާ، ކަނޑޫފާތައް ބެލެހެއްޓުމުގައި ކައުންސިލުތަކުން ސަމާލުކަންދީ އަދި މަރުވެފައިވާ ކަނޑޫ ގަސްތަކާ މެދު އަމަލުކުރަން ޖެހޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ކައުންސިލުން ބުނީ، އިއުލާނު އާއްމު ކުރި ތާރީހުން ފެށިގެން ހަމަސް ދުވަސް ވަންދެން ކަނޑޫފަލުން ކަނޑޫ ހޮވުން މަނާ ވާނެ ކަމަށެވެ.

ކައުންސިލުން ހިކިފައިވާ ކަނޑޫގަސްތައް ވިއްކަން ނިންމާފައިވާ އަގުތައް:

- ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 10 ސެންޓިމީޓަރު ހަމަނުވާ ނަމަ ހިލޭ.

- ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 10 ސެންޓިމީޓަރާއި 20 ސެންޓިމީޓަރާ ދެމެދުގެ ގަސްތައް 5ރ. އަށް.

- ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 20 ސެންޓިމީޓަރާއި 30 ސެންޓިމީޓަރާ ދެމެދުގެ ގަސްތައް 10ރ. އަށް.

- ހިކި ކަނޑޫ ގަހުގެ ވަށަމިނުގައި 30 ސެންޓިމީޓަރަށް ވުރެ ބޮޑު ނަމަ، އިތުރުވާ ކޮންމެ އެއް ސެންޓިމީޓަރަކަށް 50 ލާރީގެ ރޭޓުން އިތުރުވާނެ.

އެއިއުލާނުގައި ބުނެފައިވަނީ ހިކިފައިވާ ކަނޑޫގަސްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން އެރަށު ކައުންސިލުން ފޯމު ދޫކުރަމުން އަންނާނެ ކަމަށެވެ.

ބޮޑުމިނުގައި ގާތްގަނޑަކަށް 26 ހެކްޓަރު ހުންނަ ކެލާގެ ޗަސްބިމުން ސަރަހައްދެއްގައި ނޭޗާ ޕާކެއް ހަދަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.