އައްޑޫސިޓީން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ 23 މީހުންގެ ތެރެއިން 19 މީހަކު ފައްސިވެފައިވަނީ ހިތަދޫންނެވެ. އަދި ބާކީ ހަތަރު މީހުން ފައްސިވެފައިވަނީ ހުޅުދޫންނެވެ.

އައްޑޫން އިތުރު 23 މީހަކު ފައްސިވުމާއި އެކީ މިހާތަނަށް އެސިޓީން ފައްސިވި މީހުންގެ އަދަދު ވަނީ 2،872 އަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު ކޮވިޑް ޖެހިފައި ތިބީ 228 މީހުން ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ. އަދި 2،634 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، މިވަގުތު އެންމެ ގިނަ ވޭދަނަތައް އުޅެނީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި ކޮވިޑް ޖެހިފައި ތިބި 166 މީހަކު ތިބިއިރު، މަރަދޫގައި 19، މަރަދޫ ފޭދޫގައި ހަތަރެއް، ފޭދޫގައި ހަތަރެއް، ހުޅުދޫގައި 13 އަދި މީދޫގައި 21 މީހަކު އެބަ ތިއްބެވެ.

އައްޑޫގައި ކޮވިޑަށް ފައްސިވެފައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، އެސިޓީން 10 މީހަކު ވަނީ މި ބަލި ޖެހިގެން ނިޔާވެފައެވެ.

އައްޑޫގައި ހަލުވި ކަމާއި އެކީ ކޮވިޑް ފެތުރެމުން އަންނާތީ އެސެންޓަރާއި ސިޓީ ކައުންސިލާއި ގުޅިގެން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.