ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިހުގައި ތަގްރީރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މި ޖަލްސާ އޮންނާނި ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި ކަމަށެވެ. މި ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތަގްރީރު ކުރެއްވުން އެކަންޏެވެ.

ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެކަމަނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރުމުގެ ދައުވަތު ދެއްވަން މަޖިލީހުން ފާސް ކުރީ އިއްޔެއެވެ.

ހަސީނާ ރާއްޖެ ވަޑައިގަންނަވަނީ އަންނަ ބުދަ ދުވަހުގައެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި ބަންގްލަދޭޝް މީހުންގެ މައްސަލައަށް ހައްލެއް ގެނައުމާ މެދު ދިވެހި ސަރުކާރާ އެކު މަޝްވަރާތަކެއް ގެންދަން ނިންމާފައިވެއެވެ.

އަދި ބަންގްލަދޭޝް އިން ޑޮކްޓަރުން ގެނައުމާ މެދު ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހަސީނާ ތަގުރީރު ކުރައްވަން ހަމަޖެހިފައިވާއިރު، މިހާތަނަށް މަޖިލީހުގައި ތަގުރީރު ކުރައްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވި ދެ ބޭފުޅެކެވެ.

އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު މަންމޯހަން ސިންގްއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މިހާރުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.