ބަންގަދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާގެ އިސްތިއުފާއަށް ގޮވާ، އެޤައުމުގައި ހަމަނުޖެހުންތައް ހިންގަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޝޭޚް ހަސީނާގެ އިސްތިއުފާއަށް ގޮވާ ބަންގްލަދޭޝްގެ މަޝްރަހު ހޫނުކުރަމުންދަނީ އިދިކޮޅު ޕާޓީ ބަންގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ) އިންނެވެ.

އެޤައުމުގައި އިއްޔެ ހިންގި ހަމަނުޖެހުމުގައި މަގުތައް ބަންދުކޮށްގެން ޕެޓްރޯލް ބޮންތައް ގޮއްވާ، އަދި އެއްގަމު އުޅަނދުތަކުގައި ރޯކޮށް ހަދާފައިވެއެވެ. މި ހަމަނުހެޖެހުންތައް ހުއްޓުވުމަށް ބަންގްލަދޭޝްގެ ފުލުހުން ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކުރިއެވެ.

އިދިކޮޅު ޕާޓީތަކުން ޑިމާންޑް ކުރަމުންދަނީ، މިހާރުގެ ބޮޑުވަޒީރު ޝޭޚު ހަސީނާ މަގާމުން އިސްތިއުފާ ދެއްވާ، އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބު، ވަކިފަރާތަކަށް ނުޖެހޭ އެއްބައިވަންތަ ސަރުކާރެއްގެ ބެލުމުގެ ދަށުން ބޭއްވުމަށެވެ.

ފާއިތުވެދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާއަކީ މިހާތަނަށް އެޕާޓީން މިގޮތުން ބޭއްވި އެންމެ ބޮޑު މުޒާހަރާއެވެ. މި މުޒާހަރާގައި އަޑު އުފުލާފައިވަނީ ބަންގްލަދޭޝްގައި އާންމު ތަކެތީގެ އަގު އުފުލެމުން ދިއުމާ ދެކޮޅަށެވެ.

ބީއެންޕީން ބުނެފައިވަނީ ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް އަނިޔާ ވެފައިވާކަމުގައެވެ. ފުލުހުން ބުނެފައިވަނީ މި ހަމަނުޖެހުންތަކުގައި 20 ފުލުހަކަށް އަނިޔާ ވެފައިވާކަމަށެވެ.

ހަމަނުޖެހުންތަކަށްފަހު 90 މީހަކު ފުލުހުން ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ބީއެންޕީގެ އިސް ދެބޭފުޅަކު ހިމެނުނު ނަމަވެސް، ފަހުން އެބޭފުޅުން ވަނީ ދޫކޮށްލާފައެވެ.

ބީއެންޕީގެ ލީޑަރ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ހުންނެވީ 2018 ވަނަ އަހަރުން ފެށިގެން ޖަލަށްލާފައެވެ. އެހެންކަމުން އިދިކޮޅުން ދަނީ ބަންގްލަދޭޝް ސަރުކާރަށް ފާޑުކިޔައި ހަމަނުޖެހުންތައް ހިިންގަމުންނެވެ. އެގޮތުން ފާއިތުވެދިޔަ މަސްތަކުގައި ބަންގްލަދޭޝްގައި ބޮޑެތި މުޒާހިރާތަކެއް ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޝޭޚެއް ނޫން. ސޭކު ހަސީނާ ކިޔަންވީ. މުޅި ބަންގްލަދޭސް ފަސާދަކޮށް ހަލާކުކޮށް ޚަރާބުކުރަމުންދާ އަންހެނެއް ތިޔައީ

  2. ިސސެ

    ޝޭޚެއް ނޫން. ސޭކު ހަސީނާ ކިޔަންވީ.