ކޮވިޑް-19 ގެ ބަލިމަޑުކަން އިތުރަށް ފެތުރި ދާނެތީވެ ގިނަ ބަޔަކު އެއްވެގެން ބާއްވާ ހަރަކާތްތައް ވީހާ ވެސް މަދުކުރަން ނުވަތަ ފަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތީ ދިރާސީ އަހަރުގެ ޗުއްޓީ ދުވަސްވަރު ކަމުން، މި ދުވަސްވަރު ރާއްޖޭން ބޭރަށާއި އަތޮޅު ތެރެއަށް ދަތުރު ފަތުރު ކުރުމާއި ގޭގެއަށް ޒިޔާރަތް ކުރުން އިތުރުވުމާއި ހިތާނީ ހަފްލާ ފަދަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރު ވެގެން ދާނެ ކަމަށެވެ.

އެހެންކަމުން ކޮވިޑް-19 އަދި މި ނޫންވެސް އެހެނިހެން ގައިގައިން އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ކުރިން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނުލިބެނީސް ދަތުރު ނުކުރުން އަދި ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވުމާއި ދަތުރުކުރުމުގެ ކުރިން، ދާ ގައުމުގެ ކޮވިޑް ހާލަތާއި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަހުލުވެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރުން ފަސްކުރުމަށާއި ދަތުރުކުރުމުގެ ކުރިން، ވެކްސިން ޖަހާ އުމުރުގެ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން އަދި ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތުހަމަވާނަމަ، ދަތުރުކުރުމުގެ ކުރިން ބޫސްޓާ ޑޯޒް ފުރިހަމަ ކުރުމަށާއި ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން މަދު ކުރުމާއި ސިއްހީ ފަރުވާދޭ މަރުކަޒަކަށް ދާނަމަ، ނުވަތަ ގިނަ މީހުން އުޅޭ ތަންތަނުގައާއި ބަންދު ތަންތަނުގައި ރަނގަޅަށް މާސްކް އަޅައިގެން އުޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

ދަތުރުކުރާ ގައުމުގައި މާސްކު އެޅުންފަދަ ކަންކަން ލުއިކޮށްފައި ވީނަމަވެސް، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރަށް ނުކުންނައިރު، އަދި އެހެން މީހުންނާ ބައްދަލުވާއިރު، މާސްކް އަޅައިގެން އުޅުމަށާއި އަދި ގައި ދުރުކަން ބެހެއްޓުމާއި އަތް ސާފުކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ރާއްޖެއަށް އަނބުރާ އައުމަށްފަހު، ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަރަންޓީނު ވުމާއި ވެކްސިން ޖަހާފައިވާ ފަރާތްތަކުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީސީއާރް ޓެސްޓް ހެދުމަށް ވެސް ވަނީ އަންގާފައެވެ.

ރާއްޖޭގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ފަރާތްތަކުން ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ނަމަ ދަތުރު ނުކުރުން އަދި ވީހާވެސް އަވަހަށް ޓެސްޓް ކުރުން އަދި ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވުމަށް އެޗްޕީއޭގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    މަޖިލީސް ރައީސް ޔޫކޭއަށް ޤައުމުގެ ރައީސް ލަންކާ އަށް މަޖާކުރަން .ޤައުމުގެ މީހުން ގޭބަންދު ކުރަނީ ކިހާ ސަޅި؟ ހަމަ ހަމަ ކަމުގެ ލާމަސީލް ސަރުކާރެއް ހުވާ. # އިންޑިއާ އައުޓް #

  2. ދަރަނި ދަންތުރަ

    އެހެންވެތޯ މާދަމާ ހުޅުމާލޭގައި ސްކޫލްތަކުން ކެޑޭޓު ކޭންޕު ފައްޓަނީ މިއޮތީވާ ސަރުކާރެއް...

  3. ޏަޖަނ

    ވެގެން އުޅޭގޮތް ރައްޔިތުންނަށް ވަރަށް ސާފް.

  4. ހުސެން

    ސްކޫލް ބަންދުވެފަ ރަޔިތުން ފުރައިގެން ދިޔާމަ ބާ ކޮވިޱް އުލެނީ؟މާސްކުނާލާ ޖަލްސާބޭވޭ.އެޗްޕީއޭން އެއާ ޕޯޓް ގެ ހާލަތު ބަލާލަން ދިއުން ވަރަށް ބުދިވެރި.

  5. ނާޅި

    ކޮވިޑޭ ކިޔާއިގެން ކޮންމެ ޑިސެންބާ މަހަކަު ޤައުމުތަކުން މިޖަހާ ސިޔާސީ ސަކަރާއްޖެހުން ހުއްޓާލަންޖެހޭ !