ކޮވިޑް-19 ގެ ތިންވަން ޑޯޒް، ބޫސްޓަ ޑޯޒް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ޖެހުން އަވަސް ކުރަން ޓުއަރިޒަމް އެމްޕޮލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމްސް) އިން ސަރުކާރަށް ގޮވާލައިފިއެވެ

ރިސޯޓު މުވައްޒަފުން ހިމެނޭހެން ކުރީ ސަފުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް ބޫސްޓާ ޑޯޒް ޖަހަން ފެށޭނެ ކަމަށް މިދިޔަ މަހުގެ ތެރޭގައި ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

އާ އަހަރަށް މަރުހަބާ ކިޔަމުން ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެ ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކޮވިޑްގެ އެންމެ ދަތި ހާލަތުގައިވެސް އަދި މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މަރުހަބާ އާއި ޝުކުރު ހައްގު ކަމަށެވެ.

ކޮވިޑުގެ ވަބާގައި އެންމެ ބޮޑު ގުރުބާނީއެއް ވާ ބަޔަކީ އެ ދާއިރާގެ މަސައްކަތްތެރިންނަށްވީއިރު އެ ފަރާތްތަކަށް ވީހާވެސް އަވަހަށް އެ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވެކްސިން ޖެހުން މުހިއްމު ކަމަށް ޓީމުން ބުންޏެވެ.

"މިހާރުވެސް ދުނިޔޭގެ އެކި ސާބުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓުން
ރައްކާތެރިވުމަށްޓަކައި ބޫސްޓާ ޑޯޒް ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ޖަހައިދިނުން އަވަސްކުރަން ސަރުކާރަށް ގޮވާލަން" ޓީމްގެ ބަޔާނުގައި ބުންޏެވެ.

ކޮވިޑްގެ ވަބާއަކީ މުޅިން ފިލައިގެން ނުދާނެ، އެ ބައްޔާއި އެކު އުޅެންޖެހިފައިވާ ބަލިމަޑުކަމެއް ކަމަށް ސަރުކާރުން ދޭކޭ ހިނދު، ބަލިމަޑުކަމަކީ މަސައްކަތު މާހައުލަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްކަމަށް ބަލައި ކޯވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެށް ފަރުވާކުޑަ ކުރުމެއްނެތި އޮޅުވާލުމެއްނެތި އެޅުމަށް ސަމާލުވުމަށްވެސް އެ ޖަމިއްޔާއިން ގޮވައިލިއެވެ.

ކޮވިޑްގެ މިހާލަތާއި އެކު މަސައްކަތްތެރިންގެ ކަންބޮޑުވުމާއިއެކު ލިބޭ އެންމެ ބޮޑު އެއް ޝަކުވާއަކީ
ރިސޯޓުތަކުގައި މުވައްޒިފުން އާންމުކޮށް ތިބެން ޖެހޭ ވަރަށްވުރެ މަދު މުވައްޒަފުން ވަޒީފާގައި ގެންގުޅޭތީ، މަސައްކަތް ކުރަން ޖެހޭ ވަގުތު ގިނަވެ ބުރަ ބޮޑުވުމާއި އަދި ކުރާމަސައްކަތަށް އިތުރުވަގުތުގެ ފައިސާ ނުލިބޭ ޝަކުވާއެވެ.

އޭގެ ސަބަބުން ލިބެން ޖެހޭ ހުސް ވަގުތާއި، އޮފް ދުވަސްތަށް ނުލިބި އެތަށް މަހެއް ވަންދެން ރަށަށް ނުދެވި މުވައްޒިފުން ތިބެން ޖެހޭ ޖެހުމުގެ ކަންބޮޑުވުން ކަމަށް ޓީމުން ބުންޏެވެ. އެހެންކަމުން މިފަދަ މައްސަލަތަށް ބަލައި ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ގޮވާލިއެވެ.

ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްޤުތަށް ކަށަވަރުކޮށް އިހްތިރާމާއި އެކު ބަލައިގަނެ، ކަނޑައެޅިފައިވާ މިނިމަމް ވޭޖް ތަފާތު ކުރުމެއްނެތި ތަންފީޒު ކުރުމަށާއި، އުޅޭވޭވަރުގެ އުޖޫރައެއް ކަނޑައަޅަންވެސް ޓީމުން ގޮވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއްލޯޖޯބެ

    އެއް ލެޕްޓޮޕާއި އެއް ރިޒޯޓު ހިފައިގެން ސަރުކާރު ހިންގާނަމޭ ގޮވިބައިގަނޑު މިހާރު ހޭބަލިވަނީ... އޮބިއަޅައިގެންވެސް ރިޒޯޓުތައް ހިންގޭތޯ އެއުޅެނީ.. ހޮސްޕިޓަލް ތަކުގައި މަސައްކަތް ކުރާ މީހުން ގަޔަށް ފުރަތަމަވެސް ތިބޫސްޓާރ އެއް ޖަހަން ޖެހޭނީ !!!!