ދުނިޔޭގެ އެހެން ގައުމުތަކާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރާއި މާބޮޑު ގުޅުމެއް ނެތް ކަމަށާއި ގުޅުމެއް އޮތް ނަމަ ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިން ފެނުނު ހެން ފެނިގެން ދިޔައީސް ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒު ކުރީ، ޚާރިޖީ ގުޅުންތައް ހީނަރުވެ ރާއްޖެއަށް ލިބެން އޮތް އެހީތައް މެދުކެނޑިގެން ދިޔަ ކަމަށް ބުނެއެވެ. މިހާރުގެ ސަރުކާރު އައި ފަހުން ގުޅުންތައް ވަރުގަދަވެއްޖެ ކަމަށް ބުނެއެވެ.

"ޗެނަލް 13" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޔާމީން ވަނީ މި ދެކެވޭ ވާހަކަތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވައިފައެވެ. ޔާމީން ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް މުހިއްމު ކޮންމެ ގައުމަކާއި އެކު އެމަނިކުފާނުގެ ވެރިކަމުގައި ގުޅުން ބަދަހި ކޮށްފައި ވާނެ ކަމަށެވެ.

"ރާއްޖޭގެ ތަރައްގީއާއި މެޓާވާ (މުހިންމުވާ) ގައުމުތަކަށް އަޅުގަނޑުމެންގެ [ޕީޕީއެމް] ސަރުކާރަށް ވުރެ ބޮޑަށް ގުޅުން ބޭއްވި ސަރުކާރެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެ ނުކުތާ ސާބިތުކޮށްދެއްވަން މިސާލުތައް ވެސް ދެއްކެވިއެވެ. މި ގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ގެ ގައުމުތަކާއި އޮތް ގުޅުމުން ލިބުނު އެހީތައް ފާހަގަ ކުރެއްވިއެވެ.

ޔޫރަޕްގެ ގައުމުތަކާއި މާ ބޮޑު ގާތް ގުޅުމެއް ނެތް ނަމަވެސް އެ ގައުމުތަކުގެ އެހީން މަދު މަޝްރޫއެއް ހިންގުނު ކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. "މަނީ ޓޯކްސް މަނީ މެޓާ، ފައިސާ ލިބޭ ތަންތަނާއި ގުޅުން އުފެއްދީމަ ބޮޑެތި ހުރިހާ ފައިސާއެއް ހޯދޭނީ، މަޝްރޫއުތައް ހިންގޭނީ، ތަރައްގީ ވެސް ގެނެވޭނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މިހާރު އޮތް ސަރުކާރުން އެ ވަރުގެ ބަރުދަނެއް ހުރި ގުޅުމެއް އޮތް ނަމަ، ޔޫރަޕްއާއި އެމެރިކާއިން އެހީ ހޯދައިގެން ބްރިޖް ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުނީސް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އެމެރިކާ ނުވަތަ ޔޫރަޕަށް ވަޑައިގެން ބްރިޖެއް އަޅަން ފައިސާ ހިފައިގެން ވަޑައިގަންނަވާ، އޭރުން ގަބޫލުކުރާނަން ދުނިޔެއާއި ރަނގަޅަށް ގުޅިފައި އޮތް ކަމަށް،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އަވައްޓެރި އިންޑިއާއާއި ވެސް ގުޅުން ހީނަރުވެގެން ދިޔައިރު، އެންމެ ގާތް ގުޅުމެއް ބޭއްވީ ޗައިނާއާއި އެކުގައެވެ. ޗައިނާގެ ލޯނު އަދި ހިލޭ އެހީ މެދުވެރިކޮށް ސިނަމާލެ ބްރިޖްއާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލެ ދެވަނަފިޔަވައްސާއި، ފްލެޓްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއާއި، އިތުރު ރަށްރަށުގައި ވެސް ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގެވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ޗައިނާއާއި ގުޅުން ހީނަރު ކަމަށް ބެލެވެއެވެ. އަދި އިންޑީއާއާއި އެކު ދަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ. މި ގުޅުމުގެ ތެރެއިން މާލެ-ތިލަފުށި ބްރިޖްއާއި، މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރުގެ މަޝްރޫއުގެ އިތުރުން، އަސްކަރިއްޔާއާއި ގުޅުން ހުރި ބޮޑެތި މަޝްރޫއުތައް ވެސް އެއްބަސްވެފައިވެއެވެ.

މި ސަރުކާރުން ގެންގުޅޭ އިންޑިއާއިން އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތާއި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް "އިންޑިއާ އައުޓް" ނަމުގައި ޕީޕީއެމް ޕީއެންސީން ދަނީ ކެމްޕޭނެއް ވެސް ހިންގަމުންނެވެ. މި ކެމްޕޭން އިތުރަށް ފުޅާ ވެގެން އައީ ވެސް ރައީސް ޔާމީން މިނިވަންވުމާއި އެކުގައެވެ. ރައީސް ޔާމީން ގެންދަވަނީ އެ ޝިއާރުގެ ޓީޝާޓް ތުރު ކުރައްވައިގެން ރަށްރަށަށް ދަތުރު ވެސް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަންދަހާރު

    ރާއްޖެއާއި ދުނިޔެއާއި ގުޅުންނެތަސް ދުނިޔެއިން ބޭރާއި ގުޅުންއޮވޭ އެތަނަށް ދަރިވަރުން ކިޔަވަން ފުރުސަތު ހޯދައިދޭނެކަމަށް ސޯލިހު ރާއްޖޭގެ ރަށެއްގައި ކެންޕޭނު ކުރަންއުޅެފަ ބުނި.

    22
    2
  2. ލކޮކާ

    20އަހަރުގެ ތަރައްގީއެންމެ 5 އަހަރުން..ޝުކުރިއްޔާ ރައިސް ޔާމީން
    ތިޔައީ ޒައީމޭ އަދުލޮބުވެތި
    މުޅި ދިވެހި ގައުމު ހެކިވާ

    28
    4
  3. ޓިނުވަގު

    ހަހަހަހަހަހަހަ

  4. ބެންޓެން

    އާން އެއްވެސް ގުޅުމެއްނެތް ކޮމަންވެލްތުންވެސް ވަކިވެއްޖެ އދ އާވެސް ގުޅުން ކަނޑާލައިފި ތަރައްގީ އެއްވެސް ނުކުރޭ ރާއްޖެއަށް ގެސްޓުން އައުންވެސް ހުއްޓާލައިފި މީހުންނަށް މުސާރައެއްވެސްނުދޭ ފިހާރަތަކުން ކާބޯތަކެތިވެސް ނުލިބޭ މމޕރސ އަށްވެސް ލާރިއެއް ނުލިބޭ ވައްކަންކޮށްލާނެ އެއްޗެއްވެސްނެތް އަހަރުމެން ދުނިޔޭގަ މިތިބެނީ މަނިކުފާނު އެޅި ބްރިޖާ ހިޔާ ފްލެޓުގެ ސަބަބުން

    8
    13
  5. ނުޒުހަތު

    ހަމަ އެއްތާކު މިޖެހެނީ. ޔާމިނުގެ ސަރުކާރުގައި އިންޑީޔާ އައުޓު ކޮށްފަ ޗައިނާ އިން ކުރީ. އަހަ ޗައިނާ އިންކުރަން ފަސޭހަވާނެކަން އެގޭނެ ކުޑަކުއްޖަކަސްވެސް. ޗައިނާ އަބަދުވެސް ބޭނުންވޭ އިންޑިޔާ ކަޑުގައި ބާރުގަދަކުރަން. އެފުރުސަތު އިންޑިޔާއަކުން ނުދޭނެ. އިންޑިޔާ ކަޑަށް އެހެން ގައުމަކުން ގަދަކުރަން ފުރުސަތު ހޯދުމުގެ ބޭނުމުގައި ޗައިނާއިން ބްރިޖެއް ކީއްކުރަން ކޮންމެފަދަ ބޮޑު ޚަރަދެއްވެސް ކޮށްފާނެ. އޭރުވެސް އިންޑިޔާ އޮތީ ބަލަބަލާ ޗައިނާ އިންޑިޔާ ކަޑުން އައުޓު ކުރަން. ޔާމިނުގެ ދައުރުގައި ރާއްޖެ އޮތީ މަރުގެ ތުންފަށްމަތީގައި. އިންޑިޔާ އާއި ޗައިނާ ތަޅާ ފޮޅާހިސާބަށް ގޮސް ބަހުގެ ޙަމަލާތަށް ބަދަލުކޮށް ހަގުރާމަ އިއުލާން ކުރާ ހިސާބަށް ރާއްޖޭގެ ބޮލު ރޮދިކެޑިފަހުރި ރައީސަކު އަމިއްލަ އެދުމަށް ކުރި ކަންތަކެއް ހޭޖެހޭ ވެރިަކު ނުކުރާނެ. ޗައިނާގެ ސަރަހައްދަށް އިންޑިޔާ އަރައިތިބޭކަށް ޗައިނާވެސް ނެއެދޭނެ. ބޮޑު ދެބާރު ތަޅާ ފޮޅާ ހިސާބަކަށް ރާއްޖެ އިން ފުރުސަތު ދިނުމަކީ އެއްގޮތަކަށްވެސް މޮޔައަކުވެސް ކުރާނެ ކަމެއްނުން. މާ މޮޅުވާހަކަ ދައްކާނެ ކަމެއްނެތް ޗައިނާ ކިޔައިގެން.

    3
    7
  6. އަލްޖިބްރާ

    ރާއްޖެއާއި އެހެން ޤައުމުތަކާ ގުޅުން ނެތްކަމަށް ފެންނާނީ ހިއްސުތަށް ސަލާމަތުން ނެތް މީހުނަށް !

    3
    7
  7. Happy 123

    ލޮލް 😂

  8. Anonymous

    ތިޔއީބޭނުންވާފެންވަރުހުރި ދިވެހި ދަރއެއް ،ވައްކޮއް ރޮަށިދަމާ ރީތިބިސްގަޑު އަޅމީހާ ބަދިގެއައް އަލުން ދޭ