އައްޑޫ ސިޓީން ކޮވިޑް-19 ބަލީގައި މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައި ވަނީ ރޭ ދަންވަރު 2:30 ގައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެ އިން މި އަހަރު ނިޔާވި ފުރަތަމަ މީހާއެވެ.

މިއާއެކު، ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިވަނީ 263 އަށް އަރައިފައެވެ.

ކޮވިޑް-19 ބަލީގައި އެންމެ ފަހުން ރާއްޖެ އިން މީހަކު ނިޔާވެފައި ވަނީ މީގެ ހަ ދުވަސް ކުރިންނެވެ. ޑިސެމްބަރު 28 ވަނަ ދުވަހު ނިޔާވެފައި ވަނީ އުމުރުން 86 އަހަރުގެ އަންހެނެކެވެ. ތ. ވިލުފުއްޓަށް އުފަން އެ އަންހެން މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެނައިއިރު ވެސް އޮތީ ނިޔާވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. ހާއްސަކޮށް، މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ 100 އާ ގާތް ކުރަން ފަށައިފައެވެ.

އެގޮތުން އިއްޔެ ކޮވިޑަށް ފައްސިވެފައި ވަނީ 242 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ އިން ފައްސިވި 97 މީހުންނާއި ރަށްރަށުން ކޮވިޑަށް ފައްސިވި 78 މީހުންނާއި ރިސޯޓުތަކުން ކޮވިޑަށް ފައްސިވި 66 މީހުންނާއި ސަފާރީތަކުން ކޮވިޑަށް ފައްސިވި އެކަކެވެ.

މިވަގުތު ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން އަންނަނީ 2،609 މީހުންނެވެ. އޭގެ ތެރެއިން 16 މީހަކު އޮތީ ކޮވިޑް ފެސިލިޓީތަކުގައެވެ.

ރާއްޖެ އިން މިހާތަނަށް 96،294 މީހުން ކޮވިޑަށް ފައްސިވި އިރު ބަލިން ރަނގަޅުވީ 93،410 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު