އައްޑޫސިޓީން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. އަދި ދެން ފައްސިވެފައިވާ މީހާއަކީ ފޭދޫން ފައްސިވެފައިވާ މީހެކެވެ.

އައްޑޫން މިހާތަނަށް 3،014 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 2،937 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ބަލި ޖެހިފައި ތިބީ 64 މީހެކެވެ.

އައްޑޫގެ ވަކި ވަކި އަވަށްތަކަށް ބަލާއިރު، ހިތަދޫގައި ކޮވިޑަށް ފައްސިވެފައިވާ 56 މީހަކު އެބަ ތިއްބެވެ. މަރަދޫފޭދޫގައި ދެ މީހަކު ތިބިއިރު، ފޭދޫގައި ތިނެއް، މީދޫގައި އެކެއް، އަދި ރިސޯޓުތަކުގައި ވެސް އެކަކު އެބަ ހުއްޓެވެ.

އައްޑޫގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެސިޓީން މި ބަލީގައި 13 މީހަކު ވަނީ ނިޔާވެފައެވެ.