އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ އަށް މަޝްރޫއެއްގެ މޮބަލައިޒޭޝާން މަސައްކަތް ފެށުމަށް ބޭނުންވާ 5.49 މިލިއަން ރުފިޔާ އިންޑިއާ އިން ދިވެހި ސަރުކާރަށް ދޫކޮށްފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއަށް 36.5 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. މި މަޝްރޫއުތައް ހިންގަނީ ރާއްޖޭގެ ހަތް އަތޮޅެއްގައެވެ.

މަޝްރޫއުތަކުގެ ތަފްސީލްތައް:

  • ތ. ތިމަރަފުއްޓާއި ތ. ވޭމަންޑޫގައި މަގުބައްތި ހަރުކުރުން.
  • ލ. މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމުކުރުން.
  • އދ. ދަނގެތީގައި އާ ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުން.
  • ނ. މިލަދޫ ކައުންސިލް އިމްރާތް ބިނާ ކުރުން.
  • ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. ދިއްދޫ އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓަރު ޔުނިޓެއް އެޅުން.
  • އެމްއެންޑީއެފް އަށް ބޭނުންވާ ސީ އެމްބިއުލަންސް ހޯދުން.
  • މާލޭގެ އޮލިމްޕިކްސް ތިއޭޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް.

އިންޑިއާ ހައި ކޮމިޝަނުން ބުނީ 2019 ވަނަ އަހަރުގެ މާޗް މަހު ދޫކުރި 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހައި އިމްޕެކްޓް 12 މަޝްރޫއެއް ރަށު ކައުންސިލްތަކުން ދަނީ ހިންގަމުންނެވެ.

މީގެއިތުރުން އިންޑިއާ އިން ދިން 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 18 މަޝްރޫއެއް ވަނީ ތަންފީޒުކޮށްފައެވެ. މި 30 މަޝްރޫއުގެ ތެރެއިން 16 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިމިފައެވެ.

ހައި ކޮމިޝަނުން ފާޙަގަ ކުރާ ގޮތުގައި މަޝްރޫއުތައް ފަރުމާ ކުރެވިފައި ވަނީ ރަށްރަށުގެ ބޭނުންތަކަށް ފެތޭ ގޮތަށެވެ. މި މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ކައުންސިލްތަކުގެ ބައިވެރިވުން އިތުރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ހައި ކޮމިޝަނުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުޝާން

    މިނޫނީ އަމިއްލަބާރު ތިމާމެންގެ މައްޗައް ނުފޯރާ ސަރުކާރެއް ނޯންނާނެ މިކަހަލަ ބޮޑަތި މަޝްރޫއު ހިންގަންވީމާ ތަފްސީލްއާއެއްކޮއް މޭޔަރ މިދަންނަވަނީ ބޮޑުވަޒީރައް ބޮޑުވަޒީރު ހުއްދަ ދެއްވީމާ މިފެށެނީ މިވަރުން ދެން އެންމެ ކުޑަކުއްޖާއައްވެސް އެނގޭނެ މިތާންގަ ވެރިކަން ކުރަނީ ކޮންބައެއްކަން ވެރިކަން ކުރަނީ ކާކުކަން

  2. އައްދާރު

    އިންޑިޔާގެ އެހީ ބޭނުމެއް ނޫން.
    ރާއްޖެ އަޅުވެތި ވާ ގޮތައް ދޭ އެހީ.

  3. ހުސޭނުބޭ

    މިވަރުގެ ކުދިކުދި ކަންތައްތަކަށް ސަރުކާރުގެ ބަޖެޓުން ޚަރަދުނުކުރުމަކީ ސޯލިބެޔަށާ ވެންޓިލޭޓަރ މިނިސްޓަރަށް އެއްޗެއް ނޭގޭކަމުގެ ހެތްކެއް

  4. ދޮންބެ

    ތިޔަ މަޝްރޫޢުތަކުގެ ފަހަތުފައިވަނީ ހީލަތާމަކަރު ތިކަންކަން ޢާއްމުކުރިފަދައިން ރާއްޖޭގެ އެކި ހިސާބުތަކުގައިތިބި އިންޑިއާސިފައިންނާ ބެހޭ އެއްބަސްވުން ރައްޔިތުންނަށް ހާމަކޮށްބަލަ ނުކެރިގެން އުޅެނީ ބޭރުބަޔަކަށް ރާއްޖޭގެ ބަޔެއް ދޫކުރެވިފައިވާތީ އ. ސިފައިން އައުޓް