އދ. ދިގުރަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ކޮންކްރީޓް ގާ އެތުރުމުގެ 65 އިންސައްތަ ނިމިފައިވާ ކަމަށެވެ. މިއީ 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން 19 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން 64،416 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި 6,770 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 294 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 287 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވެއެވެ. އަދި 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2324 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ޖެޓީ އެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 50.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.