ދިވެހިރާއްޖޭގެ ރަށްތަކުގެ ރަސްމީ ދަފްތަރު ޝާއިޢުކޮށް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އެކަން އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މެންޑޭޓުގެ ދަށުން، ދިވެހިރާއްޖޭގެ ރަށްތަކުގެ ރަސްމީ ދަފްތަރު އެކުލަވާލައި، ބަލަހައްޓާ، އަދާހަމަކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިގޮތުން 2021 ގެ ނިޔަލަށް އަދާހަމަކުރެވިފައިވާ ދިވެހިރާއްޖޭގެ ރަށްތަކުގެ ރަސްމީ ދަފްތަރު މިހާރު ޝާޢިއުކުރެފައިވާ ކަމަށް އިއުލާނުގައި ވެއެވެ.

އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ރަށްތަކުގެ ރަސްމީ ދަފްތަރުގައި ނަންތައް ދިވެހިންނާއި އިނގިރޭސިން ލިޔުމުގައި ބޭނުންކޮށްފައިވާ 'ޓްރާންސްލިޓެރޭޝަން' އުސޫލު އިއުލާނުގައި އެއްކަރުދާސް ކޮށްފައިވެއެވެ.

ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ވިދާޅުވީ ރަށްރަށުގެ ރަސްމީ ދަފްތަރު ގެޒެޓުކުރެވިފައިވާ ތާރީހުން ފެށިގެން އެންމެހާ ރަސްމީ ލިޔެކިޔުން ތަކުގައި ރަށަކާއިބެހޭގޮތުން މުޢާމަލާތް ކުރާއިރު، ރަށްތަކުގެ ރަސްމީ ދަފްތަރުގައިވާގޮތަށް ރަށުގެ ނަން ބޭނުންކުރުމަށާއި، ނަމާއި އެކު އެރަށަކަށް ދެވިފައިވާ 'ޔުނީކް ފީޗަރ ކޯޑު' ބޭނުންކުރުމަށް އެންމެހައި ފަރާތްތަކަށް ދަންނަވާ ކަމަށެވެ.

ދަފްތަރާއިބެހޭ އެންމެ ފަަހުގެ މައުލޫމާތު onemap.gov.mv އިން ލިބެންހުންނާނެކަމަށް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ވިދާޅުވެއެވެ. މި ދަފްތަރާއި ގުޅޭ މަޢުލޫމާތެއް ސާފްކުރެއްވުމަށް ނުވަތަ ހިއްސާކުރެއްވުމަށް ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން، ނުވަތަ ރަސްމީގަޑީގައި 7384892 އަށް ގުޅުއްވުމަށް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އެދެއެވެ.

ރާއްޖޭގެ ރަށްތަކުގެ ރަސްމީ ދަފްތަރު ޝާއިޢު ކުރިއިރު ލިބެން ހުރީ ރަށުގެ ނަމާއި ރަތް އޮތް ސަރަހައްދާއި އަދި ރަށުގެ ބޮޑުމިން ފަދަ ވަރަށް މަދު މައުލޫމާތުތަކެކެވެ.