ވަރަށް ބޮޑަށް ބާވެ، ބޭނުން ނުކުރެވޭ ވަރު ވެފައިވާ ހުރަވީ ބިލްޑިން ތަޅާލުމަށްފަހުގައި އެތަނުގައި ޕާކިން އާއެކު ޕާކެއް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ބޭނުން ކުރާތާ 35 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރަވީ ބިލްޑިން ބާވެ އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައެޅުމާއެކުވެސް ވަރަށް ފަހަކާ ޖެހެންދެންވެސް އެ އިމާރާތް ބޭނުންކުރިއެވެ. އެގޮތުން ޢިމާރާތުގައި ދައުލަތުގެ ގިނަ މުއައްސަސާތަކެއް ވެސް ވަނީ ވަރަށް ފަހަކައި ޖެހެންދެން ހިންގާފައެވެ.

އަކިރި ބޭނުންކޮށްގެން 4 ފަންގި ފިލާއަށް ޢިމާރާތްކޮށްފައިވާ މި އިމާރާތުގެ ފަންގިފިލާތައް ހުރީ ޑެކް އަޅައިގެންނެވެ. ނަމަވެސް ގިނަ ދުވަސްވެ ޢިމާރާތުގެ ބައެއް ތަންތަން ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ޝީޓުން ބައެއް ވެއްޓި، ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުންވެފައިވެސް އެބަހުއްޓެވެ. އަދި ފަސް ވަރަކަށް އަހަރު ކުރިން ވެސް ހުރަވީ ބިލްޑިންގްގެ ޝީޓުގެ ބައެއް ވެއްޓި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވި ހާދިސާއެއް ހިނގާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ހުރަވީ ބިލްޑިން ޢިމާރާތް ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ތަޅާލަން ސަރުކާރުން މިހާރު ނިންމާފައިވާއިރު އެ ޢިމާރާތް ތަޅާލާ އެތަނުގައި ޕާކެއް ތަރައްޤީކުރުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ހުރަވީ ބިލްޑިންގްގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅައިލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް ނިންމިއެވެ. ނަމަވެސް ހުރަވީ ބިލްޑިންގްގައި ހިންގަމުން އައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް އޭރު ނެތުމުން އޭރު އެކަން ވާގޮތް ވެފައެއް ނުވެއެވެ.

މީގެ އިތުރުންވެސް 2020 ވަނަ އަހަރު ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ އިމާރާތް ތަޅާލަން ގޮވާލައްވާފައެވެ. އަދި ރައްޔިތުންގެ މުދަލަށް ބޮޑު ގެއްލުމެއްވުމުގެ ކުރިން އެތަން މަރާމާތު ކުރަންޖެހޭ ކަމަށާއި ނުވަތަ އެތަން އެއްކޮށް ތަޅާލަން ޖެހޭ ކަމަށް އޭރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފުނަމާ

    ހުރަވީބިލްޑިންގ ވެސް ޣާޒީބިލްދިންގ ވެސް ތަޅާލާ އެދެއިމާރާތް ހުސްކުރަންވީތާ މިހާރު މާލަސްވެއްޖެ މިތަންތަނަށް ވަދެލީމައި އިނގޭނީ މިތާގެހާލު.

  2. މަރޮށި އަލީ

    ފީތާއެއް ހިފައިގެން ނުކުމެ 1000 އަކަފޫޓް ހުރިޔާ ޓާޓާ އަށްދީ

  3. ޢަލީ

    ދޮންކަލޯ ރަނގަޅު ޚަބަރު ލިޔެބަަލަ، އެއީ ދަގަނޑު އެޗްބެރިން ހަދައިފައިހުރި ތަނެއް އެތާ ފާރުވެސް ހުންނާނީ ތެޅިގަލުން ދެފަރާތު ފިލާ ޖަހައިގެން އެތެރެއަށް ސިމެންތިއާ ގައު އަޅައިގެން އެތަން އަދިވެސް 50 އަހަރަށް ހުންނާނެ، އެތަނުގެ މައްސަލައަކީ ފުރާޅު ދަބަރު ޖަހައިގެން ފޫގޮސްގެންދިއުން، ދެން ޑެކް އަޅާފައި ހުންނާނީ 2 އިންޗް ލަކުޑި ފިލާއިން އެ ފިލާތައް ދޭތެރެ ދޭތެރެއިން ބަދަލުކޮށްލީމާ އަދިވެސް އެތައް ދުވަހަކަށް ހުންނާނެ. މިހާރު ހީވަނީ އެ ދަގަނޑުތައް ބަޔަކަށް ރަނގަޅު އަގުގަ ވިއްކާލަން އުޅޭހެން. އޮފީސްތައް ހިންގާނެ ޢިމާރާތްނެތިގެން އަހަރަކު އެތައް މިލިއަން ޚަރަދުކުރާއިރު، ތަނެއް އަޅާކަށް މަރާމާތު ކުރާކަށް ނޭނގޭ. ކެއުން ކާންދިނުން ނޫންކަމެއް ކުރާކަން ނޭނގޭ.

  4. އަހުމަދު

    މާލެގެ މެދުތެރެއިން މާބޮޑު ބޭނުމެއް ނުކުރެވި ބިމެއް އޮތުމަކީ ބޮޑު ގެއްލުމެއް. އެތާކައިރީ ޕާކުތަކާ ޕާކިންގ ޒޯނު އެބަހުރި. ރައީސް ސޯލިހު ކެރެންނާ ދަރުމަވަންތަ ހޮސްޕިޓަލެއް އަޅާލަންވީނު

  5. އަހުމަދު

    އެތަން ތަޅާލާފަ ހުހައް ބޭއްވިޔަސް އެތާ ޕާކު ކުރެވޭނެ. އަދި ގުދުރަތީ ގޮތުން ގަސްވެސް ފަޅައިގެން އަންނާނެ. އެހެންވީމަ ޕާކިން ޕާކަކަށް ތަރައްގީ އޭ ނުކިޔާ

  6. Anonymous

    މީގެ ފަންސަވީހަކަށް އަހަރު ފަހުން ހިޔާ ފްލެޓްތަކުގެ ޢިމާރާތްތައް ވެސް ހުންނާނީ ތިޔަ ހާލަތުގައި ކަމަށް ލަފާކުރެވެއެވެ. ސަބަބަކީ ރައްޔިތުންނަށް ލިބުނު ފްލެޓްތަކަށް ބަދަލު ގެނައުމަށްޓަކައި އެތަނުގެ ކޮންކްރީޓު ތެޅުމާއި ތޮރުފުމެވެ. ފްލެޓްތަކުގެ އަގުދައްކާ ނިމޭއިރު އެތަންތަން ބޮލަށް ވެއްޓޭ މަންޒަރު ފެނުނީމާ މީހުން ވަރަށް ދެރަވާނެއެވެ. ހާސްވާނެއެވެ. ބޯގޮވާނެއެވެ. ބައެއް މީހުން މަތީ ފަންގިފިލާތަކުން ފުންމާލައިގެން ވެއްޓި މަރުވުމަކީ ވެސް ދުރުކަމެއް ނޫނެވެ. މި ކޮމެންޓް މީގެ ފަންސަވީސް އަހަރު ފަހަށް ރައްކާކުރާށެވެ.

    1
    2
  7. ޒަމީރު

    މި ވެރިންނަށް އެންމެ ބޮޑު ވެގެން ކުރެވޭ ކަމަކީ ޕާކިންއެއް ހެދުން، ނޫނީ އިންޑިޔާއަށް ބިން ދިނުން
    ނުކުޅެދޭ ސަރުކާރު

  8. ގަމަރު

    ތި ބިލްދިންގ ތަކުގަ އަޅަންވީ ސަރުކާރުގެ އޮފީސްތައް ހަމަ ، ސަރުކާރުގެ ބިންތައް ހުއްޓަ ތަންތަން ބޮޑު އަގުގަ ކުއްޔަހިފަނީ ކޮންމެވެސް ބަޔަކައް ނަފާ ހޯދަދޭންވެގެން، މިކަންތައް އެންޓިކޮރަޕްޝަނުން ބަލަންޖެހޭ! އިގޭ އެއީ ނަމެއްގަ އޮންނަ ތަނެއްކަން ، ރަޠަތުން ހޭލަމާ! ނިކުންނަމާ! ރަތްޔަތުންގެ ހައްގުގަ! ޕޮލިޓިކަލް ގުންޑާއިންގެ މިނުލަފާ ވަކިތަކުން ސަލާމަތްވުމައް! ލަސްނުވަނީ ނިކުންނަމާ!