ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ޖިނާއި ތަހުގީގެއް ހިންގައިދޭން ޗިލްޑްރެންސް އޮމްބަޑަސްޕާސަން އިން ފުލުހުންގެ އިދާރާގައި އެދިއްޖެއެވެ.

އޮމްބަޑްސްޕާސަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާގައި ތަކުރާރުކޮށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން، އެ އޮފީހުން އަމިއްލައަށް އިސްނަގައިގެން އެކަން ތަހުގީގުކޮށް ބަލާފައިވާނެ ކަމަށެވެ.

އެ މައްސަލައިގައި އެ އޮފީހުން ބެލިބެލުމުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން ބައިތިއްބާ އޯލްޓަނޭޓިވް ކެއާ ފެސިލިޓީތަކުގައި، އަލިފާނުގެ ހާދިސާއިން ކުދިންނާއި މުވައްޒަފުން އަދި ތަން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހުރުން ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމްކުރި ނަމަވެސް، ކުޑަކުދިންގެ ހިޔާގައި ބޭނުންކުރެވޭ ގޮތަށް ހުރި އެފަދަ އެއްވެސް ވަސީލަތެއް ނެތްކަން ވަނީ ފާހަގަކޮށްފައެެވެ.

"އަދި، ކުދިންނާއި، އަލިފާނުގެ ހާދިސާތަކުން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ނެތުމާއި އަދި އެހެނިހެން ގިނަ ސަބަބުތަކަކާއި ހުރެ، ކުޑަކުދިންގެ ހިޔާއަކީ ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން، ޖެންޑާ މިނިސްޓްރީއަށް މިދިޔަ އަހަރުގެ މޭމަހުގެ ހަތަރުވަނަ ދުވަހު އަންގާފައިވާނެ" އެ ބަޔާނުގައި ބުންޏެވެ.

ނަމަވެސް، އެ އެންގުމަށް ސަމާލުކަންނުދީ، އަލިފާނުން ރައްކާތެރިކުރުމަށް ބޭނުންވާނެ ސާމާނު ހޯދުމެއް ނެތި، ކުޑަކުދިންގެ ހިޔާގައި ކުޑަކުދިން ބޭތިއްބުން ކުރިއަށް ގެންގޮސްފައިވާކަންވެސް ބެލިބެލުމުން އެނގިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި، ތަކުރާރުކޮށް ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގަމުން ގޮސްފައިވާއިރުވެސް، އަލިފާނުގެ ހާދިސާތަކުން ކުދިންނާއި، މުވައްޒަފުން އަދި ތަން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހޯދާފައި ނުވާކަމަށްވެސް ބުންޏެވެ.

ތަކުރާރުކޮށް ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގަމުން ގޮސްފައިވީ ނަމަވެސް، އަލިފާނުގެ ހާދިސާތަކުން ކުޑަކުދިންނާއި، ތަން ރައްކާތެރިކުރުމަށް ބޭނުންވާނެ ފިޔަވަޅުތައް އެޅުމެއްނެތި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުއްޖަކާ މެދު އިހުމާލުވުމުގެ ކުށްކަމަށް ގަބޫލުކުރާތީ، ކުޑަކުދިންގެ ހައްގު ރައްކާތެރި ކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ، ދިރިހުރުމުގެ ހައްގާއި، އެ ގާނޫނުގެ އަށްވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ކުދިންގެ މަސްލަހަތަށް އިސްކަންދީ މަސްލަހަތު ހިމާޔަތްކުރުމުގެ ހައްގާއި، އެ ގާނޫނުގެ 10 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަން ލިބުމުގެ ހައްގަށް އުނިކަން އަންނާނެ ފަދަ އަމަލަކަށްވާތީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިދިޔަ މޭ އަދި ޖޫން މަހު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، މަރުކަޒުގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީކުރުވޭނެހެން ޖިނާއީ ތަހުގީގެއއް ހިންގައިދިނުމަށް، ފުލުހުގައި ވަނީ އެދިފައި ކަމަށް ބަޔާނުގައި ވެއެވެ.

އެ ހާދިސާތަކާ ގުޅިގެން، އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ އަޅަން ޖެންޑާ މިނިސްޓްރީގައި ވަނީ އެދިފައި ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ކުރާނެ ކަމެއް ނެތިފަ ތިބި ބައެއްތަ؟

  2. ލލ

    މީވެސް ދެން ވަރަށް ބޮޑު އޮމްބަޑަސް އެއް، ކުޑަކުދިން ހަލާކުކުރަން އުޅޭ މީހެއް !

  3. ނުހާ

    އަދި ކިރިޔާ މިނިވަން މުއައްސަސާއެއް ރަނގަޅަށް ހިނގާތަން މި ފެންނަނީ