ހުޅުމާލޭގައި ސެޕްޓެމްބަރު 2017 ގައި ތޫނު އެއްޗަކުން ހަމަލާދީ، ހާރިސް އަބްދުލް ޣަފުރޫ މަރާލަން ހަށިގަނޑުގެ 15 ތަނަކަށް ފުން ޒަޚަމްތަކެއް ދިން އިރު، އެ ޒަޚަމްތަކުން ގިނަ އަދަދެއްގެ ލޭ ބޭރުވެ، ވިންދު ހިނގަން ބޭނުންވާ އޮކްސިޖަން ހަށިގަނޑުން ހުސްވި ކަމަށް ހަށިގަނޑުގެ ސިއްޚީ ތަހުލީލުން ދައްކައިފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ޏ. ފުވައްމުލައް ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި ދެ މީހުންގެ ދެމެދުގައި އޭގެ ކުރިން ވެސް މާރާމާރީއެއް ހިނގި ކަމުގެ ރެކޯޑް ފުލުހުގައި އޮތެވެ.

މިއަދު ކްރިމިނަލް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ތިން ހެކިވެރިއެއް ހާޒިރުކޮށް ހެކިބަސް ނެގިއެވެ. އެއީ ހާރިސްގެ ހަށިގަނޑު ތަހުލީލު ކުރި މެޑިކަލް އޮފިސަރަކާއި، މައްސަލަ ތަހުގީގު ކުރި ފޮލިސް އޮފިސަރަކާއި އިތުރު މީހެކެވެ.

މެޑިކަލް އޮފިސަރު ވަނީ ތަހުލީލު ރިޕޯޓްގައި ހުރި ކަންކަން ސާފުކޮށްދީފައެވެ. އޭނާ ވިދާޅުވި ގޮތުން، ހާރިސްގެ ހަށިގަނޑުގެ 15 ތަނަކަށް ހަމަލާ ދީފައިވެއެވެ. އެ ތަންތަނުން ގިނަ އަދަދެއްގެ ލޭ ބޭރުވެ، ހަށިގަނޑުގެ އެތެރެއިން އޮކްސިޖަން ހުސްވެ މުޅި ހަށިގަނޑަށް "ޝޮކެއް" ލިބިގެން ދިޔަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ތަހުގީގު ކުރި ފުލުސް އޮފިސަރު މައިގަނޑު ގޮތެއްގައި ފާހަގަ ކުރީ ޔާމީން ރަޝީދަށް މަރުގެ ތުހުމަތު ކުރެވުނު ސަބަބެވެ. އެއީ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުން ދައުވާ އިއްވިއިރު ވެސް ފާހަގަ ކޮށްފައިވާ ސަބަބުތަކެވެ.

ފުލުހުން ތުހުމަތު ކުރަނީ އެ ހަމަލާއަކީ ކުރިން ހިނގި މާރާމާރީގެ ބަދަލު ހިފުމެއްގެ ގޮތުގައެވެ. މިއަށް ބާރުދޭ ސަބަބެއްގެ ގޮތުގައި ތަހުގީގުން ފާހަގަ ކުރަނީ މަންޒަރުދުށް ފަރާތްތަކަށް ފެނުނު ސައިކަލާއި އޭގެ ސައިކަލެއް ޔާމީން ރަޝީދުގެ ދޮން މަންމަ ނަން މަތީ އޮތް ކަމާއި، ޔާމީން ރަޝީދު އެ ސައިކަލު ދުއްވުމެވެ.

ނަމަވެސް ހާދިސާ ހިނގި ސަރަހައްދަކީ އަނދިރި ސަރަހައްދަކަށް ވެފައި، މަންޒަރު ދުށް ފަރާތްތަކުން ސައިކަލު ފާހަގަ ކުރި ގޮތަކާއި، ސައިކަލު ޕްލެޓް ނަންބަރެއް އެ ފަރާތުން ދިން އިރު އެ ދިމާނުވެ އޮތުމުން ދިފާއީ ވަކީލުން ގިނަ އަދަދެއްގެ ސުވާލުތައް އަމާޒު ވެސް ކުރެއްވިއެވެ. އަދި ސައިކަލުގައި ދެ މީހަކު އިންއިރު، ދެވަނަ މީހާގެ މައްސަލަ ނުބެލި އޮތުމުން ވެސް ސުވާލުތަކެއް ކުރެވުނެވެ.

އޭގެ ޖަވާބުގައި ފުލުސް އޮފިސަރު ވިދާޅުވެފައި ވަނީ، ތަހުގީގު ބައްޓަން ކޮށްފައި އޮންނަނީ ބަޔާން ދިން ފަރާތްތަކާއި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް އިން އެއްކުރި މައުލޫމާތުތަކުން ދިމާވާ ކަންކަމުގެ މައްޗަށެވެ. މި ގޮތުން ހާރިސްއާއި ޔާމީންގެ ތާރީޚެއް އޮތް ކަމާއި، އެ ތަނުން ފެނުނު ސައިކަލާއި ޔާމީންއާއި ގުޅުވޭތީއާއި، ހެކިވެރިންގެ ހެކިބަސްތަކުން އެ ކަން ޔާމީން ކުރި ކަމަށް ފެންނަން އޮތުމުން ކަމުގައެވެ.

ދައުލަތުން ހުށަހަޅާފައިވާ ސިއްރު ދެ ހެކިވެރިއަކަށް މިއަދު ހާޒިރުނުވެވުމުން ދައުލަތުން ވަނީ އިތުރު ފުރުސަތެއް ދޭން އެދިފައެވެ. އެއީ މީގެ ކުރިން އެ ހެކިވެރިން ހާޒިރުވި އަޑުއެހުމެއް ކެންސަލް ކޮށްފައި ވެސް އޮތުމުންނެވެ. އެއިން އެކަކު ހާޒިރު ކުރަން ދައުލަތުން އެދުނީ ހާޒިރުވުމުގެ އަމުރެއް ކޯޓުން ނެރެދޭ ގޮތަށެވެ.

މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ ދައުލަތަށް އިތުރު އެއް ފުރުސަތު ދެއްވަން ނިންމަވައިފައެވެ. ނަމަވެސް މި ދެވޭ ފުރުސަތުގައި ހެކިން ހާޒިރުނުކުރެވިއްޖެނަމަ އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް ގާޒީ އެންގެވިއެވެ. އަދި ޔާމީންގެ ބަންދުގެ މުއްދަތު ދަމަހައްޓަން ވެސް އޭނާ ނިންމެވިއެވެ.

ހާރިސް މަރާލީ ކ. ހިންމަފުށީ ޑްރަގް ރެހިބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދުމަށް ފަހު ހުޅުމާލެ ހާފްވޭ ހައުސްއަށް ދާން ވެގެން އެ ތަނަން ވަންނަން އުޅެނިކޮށެވެ. ހުޅުމާލެ ހާފްވޭ ހައުސްއަކީ މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ފަހު ދުވަސްކޮޅަކަށް، ހުކުމް އިއްވި ފަރާތް ބަހައްޓާ ތަނެކެވެ.

ހާރިސް އޭރު ގެންދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ ހުކުމް އިއްވުމުގެ ކުރިން ހާރިސްއާއި ޔާމީން ރަޝީދު ދެމެދު 2015 ވަނަ އަހަރު ތެރޭ މާރާމާރީއެއް ހިންގި ކަމުގެ ރެކޯޑް ވެސް ފުލުހުގައި އޮތެވެ.

ހާރިސް މަރާލި ކަމުގެ ތުހުމަތު ކުރެވުނީ ޔާމީންއާއި ސައިކަލުގައި ދެން އިން މީހާއަށެވެ. އެކަމަކު ދެން އިން މީހާއަކީ ކާކުކަން މިހާތަނަށް ހަމާވެފައި ނުވާއިރު އޭނާގެ މައްޗަށް ދައުވާ ކުރަން ނުފޮނުވަން ނިންމީ އެކަށޭނަ ހެކި ނެތުމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިރާސާ

    އާރޓިކަލް އިން އެގުނު ގޮތުގައި ހާރިސް މަރުވެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައިކަން އެނގެއެވެ. ހުކުމް ތަންފީޒު ކުރާ ފަރާތްތައް އެއްތަނުން އަނެއްތަނަށް ގެންދާއިރު ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކޮބާ..؟

    11
    3
  2. ދާންދޫ ޒުވާުނުން

    ހާރިސްގެ މަރާއި ގުލިގެން ތިޔަ ހިންގާ ދައުވާ އިން އެނގެނީ ކުށްކުރި މީހުންނަށް ހައްޤު އަދަބު ނުދީ ގާޒީލައްވާ ހުކުމް އިއްވާނެހާ މަކަރުވެރި ރޭވުންތަކާއި ފަރުވާ ކުޑަވުމާއި ޝަރީޢަތަށް ހޯދަންވާ ފުރިހަމަކަން ނުހޯދާކަމެވެ. އަދި ވާހަަކަތަކުގެ ދެކޮޅު ނުޖެހޭ ކަމާއި ޝަރީޢަތުގެ ދޯހަޅިކަމެވެ. މިގައުމު ހަލާކު ކުރަމުން މިގެންދާ ބޮޑުންނަކީ ތަހްގީގް ކުރާމީހުންނާއި ޝަރީއަތްކުރާމީހުން ގުޅިގެން ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވެއެވެ. ތިޔަ އެންމެންނަށް ހައްޤު އަޒާބު ލިބޭނެ ދުވަހަކަށް ބިރުވެތިވުން ހުއްޓެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުގެ ނިޔާއަންނާނެކަން ދަންނާށެވެ. ޝަހީދު ހާރިސް އަށް ހެޔޮޖަޒާ ﷲ ދެއްވާށިއެވެ.އާމީން.

    1
    1