ޅ. ކުރެންދޫގައި ކޮވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން އިއްޔެ ބުނީ އެ ރަށަށް މޮނިޓަރިން ހާލަތަށް ގެނައީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކުރެންދޫއިން 266 ސުންކު ނަގާފައިވާއިރު އޭގެ ތެރެއިން 65 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެެ. މިގޮތުން މިހާރުވެސް އެ ބައްޔަށް ފައްސިވެފައިވާ 37 މީހަކު އެރަށުގައި އެބަތިއްބެވެ.

ކުރެންދޫގެ އިތުރުންވެސް އިތުރު 17 ރަށެއް މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެގޮތުން މިވަގުތު މޮނިޓަރިންގައި ހާލަތުގައިވާ ރަށްތައް:

- ކ. މާފުށި

-ހއ. އިހަވަންދޫ

-ހދ. ނެއްލައިދޫ

-ލ. ފޮނަދޫ

-ހދ. ނޮޅިވަރަމް

-ހދ. ނޮޅިވަރަންފަރު

-ށ. ފުނަދޫ

-ބ. ދަރަވަންދޫ

-ދ. ބަނޑިދޫ

-ލ. ގަން

-ގދ. ގައްދޫ

-ރ. އުނގޫފާރު

-ހދ. ހަނިމާދޫ

-ކ. ގުރައިދޫ

-ބ. އޭދަފުށި

-ހއ. ދިއްދޫ

-ތ. ގުރައިދޫ

-ބ. ގޮއިދޫ

-ޅ. ކުރެންދޫ

ރާއްޖެތެރޭގެ ގިނަ ރަށްތަކެއް މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިހާރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވަ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މި ނަންބަރުތައް އިތުރަށް މައްޗަށްދާނެ ކަމަށް އެޗްޕީއޭއިން ލަފާކުރެއެވެ.