ކޮވިޑް-19 ފެތުރޭމިންވަރު އިތުރުވުމާއި ގުޅިގެން ބ. ގޮއިދޫ މޮނީޓަރިންގ ހާލަތަށް ގެނެސްފިއެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާން "ވަގުތު"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ އެކަނިވެސް އެރަށުން 20 މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އެއާއި އެކު މިހާރު އެރަށުގައި ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައިވާކަމަށް ސިޔާން ވިދާޅުވިއެވެ.

އިއްޔެ ނެގި 46 ސުންކުގެ ތެރެއިން 39 ސުންކުގެ ނަތީޖާ ލިބިފައިވާއިރު ބާކީ ސުންކުތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ދެ ދުވަސްކުރިން 12 މީހެއްގެ ސުންކު ނަގާފައިވާއިރު އޭގެ ތެރެއިން 10 މީހެއް ކޮވިޑަށް ފައްސިވެފައިވާކަމަށް ސިޔާން ވިދާޅުވިއެވެ.

ދުވަހުން ދުވަހަށް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މި ހަފްތާތެރޭގައިވެސް 46 މީހުން ކޮވިޑަށް ފައްސިވެފައިވާކަމަށް ސިޔާން ފާހަގަކުރެއްވިއެވެ.

ގޮއިދޫގެ އާބާދީގައި ޖުމްލަ 825 މީހުން އުޅޭއިރު މިހާރު ރަށުގައި ދިރިއުޅެމުންދަނީ 550 މީހުންނެވެ.

ކޮވިޑާއި ގުޅިގެން މިހާރު ރާއްޖޭގައި 19 ރަށެއް ވަނީ ބަންދުކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު