ރާއްޖޭގައި ކޮންމެ 100 އަކުން ދެ މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެެވެ. އެގޮތުން މިހާރު ދުވާލަކަށް ފައްސިވާ އަދަދުތައް 1،000 އިން މަތީގައި އުޅޭއިރު، މިފަހަކުން ދެ ދުވަހެއްގައި 2،000 އިން މައްޗަށްވެސް އެރިއެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސިވި އަދަދުތަކުން ނަމްބަރުތައް ހާމަކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކުރި ޓްވީޓް ރީޓްވީޓް ކުރަމުން ޑރ. ފައިސަލް ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ކޮންމެ 100 ނޭފަތެއްގެ ތެރެއިން މަދުވެގެން ދެ ނޭފަތެއްގައި ކޮރޯނާ ވައިރަސް އުޅޭކަން ޓެސްޓުތަކުން ޔަގީންކޮށްދީފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތަކުން ބަލީގެ ހާލަތު ގޯސްކަން ޔަގީން ކުރެވޭއިރު، ސިއްހީ މާހިރުން ދަނީ ދީފައިވާ އިރުޝާދުތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވަމުންނެވެ. އެގޮތުން ވެކްސިންގެ ޑޯޒްތައް ޖެހުމާއި، ގައިދުރުކަން ބެހެއްޓުމާއި، މާސްކް އެޅުން ފަދަ ކަންކަން ކުރުމަށް ނަސޭހަތްތެރިވަމުން ދެއެވެ.

މިހާރު ރާއްޖެއިން ޖުމްލަ 112،628 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 11،535 މީހަކަށް ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި އެ ބަލީގައި މިހާތަނަށް 269 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝ

    ކަރުތެރެ އޯކޭ؟؟

  2. ސސ

    މިމާލޭގައި އަރިދަފުސް ރޯގާ އާއި ހުމާއި ބޭރަށް ހިގުމާއި ލޮލު ރޯގާ ނޮއޮންނަ އިރެއް ނުދޭ، އަބަދުވެސް ކޮންމެސް ރޯގާއެއް އޮވޭ !