ކޮވިޑް-19 ޖެހިގެން އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް ޖެހިގެން މިއަދު ހަވީރު އުމުރުން 84 އަހަރުގެ ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައި ވަނީ މިއަދު ހަވީރު 4:53 ގައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 274 އަށް އަރާފައެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މި މަހު ނިޔާވި 12 ވަނަ މީހާއެވެ. އަދި މިއަދު އެ ބަލީގައި ނިޔާވި ދެ ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑްގައި އިތުރު މީހަކު ނިޔާވެފައިވާއިރު، އެ ބައްޔަށް ފައްސިވާ އަދަދުތައްވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރާއްޖޭގައި މިހާތަނަށް 125،590 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި މިހާރު 16،673 މީހަކަށް ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 57 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައި ވަނީ އާ ވޭރިއެންޓް އޮމިކްރޮންއާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އަދި މިހާރު 16،673 މީހަކަށް ފަރުވާދެމުންދާއިރު .............
    ހަމަ ޔަޤީންތަ މި ހުރިހައި މީހުންނަށް އެޗްޕީއޭ އިން ފަރުވާދޭކަން. އޮޅުވާލަންވެސް މީ ދެން ފުކެއް ބޮޑުވަރެއް.