ކޮވިޑް-19 އަށް މާލެ ސަރަހައްދުން ޓެސްޓް ކުރާ މީހުންގެ ތެރެއިން ފައްސިވާ މީހުންގެ ނިސްބަތް %39 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން މިރޭ އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މާލޭ ސަރަހައްދުން ކޮވިޑަށް ޓެސްޓް ކުރީ 3904 މީހުންނެވެ. އޭގެތެރެއިން 1280 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %39 މީހުން މާލޭ ސަރަހައްދުން މިއަދު ފައްސިވިއެވެ. މިއަދަކީ މިދިޔަ އަހަރުގެ މެއި މަހަށް ފަހު މާލެ އިން ފައްސިވާ މީހުންގެ ނިސްބަތް މިހައި މައްޗަށް އެރި ފުރަތަމަ ދުވަހެވެ.

މިއަދު ރާއްޖެ އިން 2499 މީހުން ކޮވިޑަށް ފައްސިވިއިރު ކޮވިޑް ސުންކު ނެގި ވަކިތަނެއް އެޗްޕީއޭ އަށް ކަށަވަރު ނުކުރެވޭ 465 މީހުން ވެސް ފައްސިވި މީހުންގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން މޭލެ އިން މިއަދު ފައްސިވި މީހުންގެ ހަގީގީ ނިސްބަތް %39 އަށް ވުރެ ވެސް މަތިވާނެ ކަމަށް ބެލެވެއެވެ.

މިއަދު މުޅި ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރީ 7019 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %35.60 މީހުން ކޮވިޑަށް ފައްސިވިއެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް ފާއިތުވި ހަތަރު ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

އޮމިކްރޮން ވޭރިއަންޓާއިއެކު ރާއްޖޭގެ ހާލަތު ގޯސްވަމުން ދާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް ކޮވިޑް ޖެހިގެން ދެމީހަކު ވަނީ ނިޔާވެފައެވެ. އެއާއިއެކު މިމަހު ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. މިމަހަކީ މިދިޔަ އަހަރުގެ މެއި މަހަށް ފަހު ކޮވިޑްގައި އެންމެ ގިނަ ބަޔަކު ނިޔާވި މަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަންސިމޫ

    ކިތަންމެ ވަރެއްވިއަސް އަހަރެމެންގެ ދަރިންކޮޅު މިޖެހެނީ ބޭނުމެއް ނެއްގޮތުގަ ބިރުވެރިކަމުގަ ސްކޫލަށް ގެންދަން މީ ކޮންފަދަ ހިތާމަ ހުރިކަމެއް އަދިވެސް ނޭނގޭތަ ބައްޔާ އެކު ނޫޅެވޭނެކަން ކިހާވަރެއްވަންދެން ތިހިފާއްޓނީ؟؟؟ މިހާލަތުގަ ދަރިން ސްކޫލަށް ގެންދިޔައީމަ އެބަކިޔެވޭތަ މުގައްރަރު ނިންމާލެވުނަސް ނުނިމޭނެ ގިނަ ދަރިވަރުން ތަކެއް ކިޔެވުމުން މަހްރޫމް ކޮށްގެން

  2. ތައްހާނު

    3904 ޓެސްޓް ކޮށްގެން 1280 މީހުން ޕޮޒިޓިވްވުމަކީ ޓެސްޓް ކުރާ ނިސްބަތުގެ 39% ޕޮޒިޓިވް ކަމަށް ހިސާބު ހެދި ގޮތެއް ނުވިސްނު. އަހަރެއް ހިސާބު ޖެހުން ޕޮޒިޓިވް ރޭޓް ހުރި ކަމަށް ދަށްކަނީ 32.7% ގައި.