މިއަދު ރާއްޖެ އިން އިތުރު 2510 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 1203 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 788 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު ފައްސިވީ 41 މީހުންނެވެ. ސުންކު ނެގި ވަކިތަނެއް ނޭނގޭ 478 މީހުން ވެސް މިއަދު ފައްސިވިއެވެ.

މިއަދަކީ ފާއިތުވި ހަތް ދުވަސް ތެރޭގައި މާލެ އިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު މުޅި ރާއްޖެ އިން 7061 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިދަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %35.55 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދު މާލޭ ސަރަހައްދުން 3372 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން ފައްސިވީ %36 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1683 މީހަކު މިއަދު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ނަމަވެސް މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 17777 އަށް އަރައެވެ. ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މިއަދު ވަނީ މަދުވެފައެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 49 މީހުންނަށެވެ. މިއަދަކީ ފާއިތުވި ފަސް ދުވަސް ތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ބަލި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ފާއިތުވި އެއްހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބެލެވެނީ ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އެއްވަރެއްގައި މިހާރު ހިފެހެއްޓެމުން ދާކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތައް އަންނަ ބަދަލު މުޅިން ޔަގީން ވާނީ އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ އަދަދުތައް ކަށަވަރު ވުމުންނެވެ.