ރާއްޖެއިން ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލު ބޮޑު ބަލި މީހަކަށް އެމްއެންޑީއެފް އިން އެހީވެއްެޖެއެވެ.

އެ ބޯޓަކީ ދެކުނު އެފްރިކާއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި ލައިބޭރިއާގެ ކާގޯ ބޯޓެއް ކަމަށްވާ "ޓްރޫ ޗެމްޕިއަން" އެވެ.

އެ ބޯޓުގައި އޮތް ހާލު ބޮޑު ބަލި މީހާއާ ގުޅޭ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ އިއްޔެ 16:53 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އޭރު މި ބޯޓް ދަތުރު ކުރަމުން ދިޔައީ ސ.ގަމުގެ ހުޅަނގު ދެކުނުން 235 ނޯޓިކަލް މޭލު ބޭރުންނެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދިންގޮތުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު، ގަމުގެ ދެކުނުން 3 މޭލަށް ކައިރި ކުރުމުން، އެމްއެންޑީއެފް ސަދަން ކޮމާންޑު، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރކްރާފްޓް 105 ލޯންޗް ޑޮކްޓަރުންގެ ޓީމަކާއެކު ބޯޓު އޮތް ސަރަހައްދަށް ގޮސް އެ މީހާ ވަނީ ހިތަދޫއަށް ގެންގޮސްފައެވެ.

އަދި އެމްބިއުލާންސްގައި އެ މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.

ވިއެޓްނާމަށް ނިސްބަތްވާ މި ބަލި މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައި ވަނީ "ހެޕަޓައިޓިސް ވިތު ހައިޕަރލިބިރޫބިނީމިއާ" ކިޔާ ބަައްޔެއް ޖެހި އަވަސް ފަރުވާ ބޭނުންވެގެން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު