އެއްބަސްވުމާ ހިލާފަށް ހޫތީން އަދިވެސް ޔަމަނުގައި ހަތިޔާރު ވިއްކަމުންދާކަމަށް އދ. އިން ހާމަކޮށްފިއެވެ.

ޔަމަނުގެ ސަލާމަތީ މަޖިލީހަށް އދ. އިން ފޮނުވި ރިޕޯޓެއްގައި ބުނެފައި ވަނީ ޔަމަނުގައި އދ. އިން ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހަތް އަހަރު ވީ ހަނގުރާމަ ކުރުމަށް ކުޑަކުދިން ރެކްރޫޓް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ހޫތީން ކުރަމުންދާ ކަމަށެވެ.

ހޮނިހިރު ދުވަހު ޝާއިއުކުރި މި ރިޕޯޓުގައިވާ ގޮތުން ސަނާގައި ގާއިމްވެފައިވާ ބާރުތަކަށް ވަފާތެރި ހުރިހާ އަސްކަރީ އަދި ޕެރަމިލިޓަރީ ފައުޖުތައް، ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމާ ވަނީ ހިލާފްވެފައެވެ. އަދި މި ހުރިހާ ހަނގުރާމަވެރިން ކޮންޓްރޯލް ކުރަނީ ވެރިރަށް ސަނާއިން ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ހޫތީންނަށް ސިޔާސީ ގޮތުން ތާއީދުކުރާ ކަމަށް ތެހެރާނުން އިއުތިރާފުވި ނަމަވެސް، ހޫތީން ހަތިޔާރު ހޯދުމަށް އެހީތެރިވެދިން ކަމަށް އީރާނުން އިންކާރު ކުރެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހަތިޔާރުގެ ބައިތަކާއި އެހެނިހެން އަސްކަރީ އާލާތްތައް "ހޫތީންގެ ފައުޖުތަކަށް އެއްގަމުން އަދިވެސް ސަޕްލައި ކުރަމުން އަންނަ" ކަން ހެކިތަކުން ހާމަވެއެވެ.

އަދި ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން ވޯޓާބޯން އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސްތައް ލޯންޗް ކުރަމުން އަންނަ ކަމަށާއި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޑިވައިސްތައް އިތުރުވަމުން އަންނަ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ތަޖުރިބާކާރުން ވަނީ މި ހަނގުރާމާގައި ކުޑަކުދިން ބައިވެރިކުރުން ކުށްވެރިކޮށް، "ކުޑަކުދިން ރެކްރޫޓް ކުރުމަށް ސްކޫލްތަކާއި، ހޫނު މޫސުމުގެ ކޭމްޕްތަކާއި، މިސްކިތްތައް ބޭނުން ނުކުރުމަށް" ގޮވާލާފައެވެ. އެމީހުން ލަފާދިނީ އެކަން ކުރާ މީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ހަނގުރާމައިގައި ހޫތީން 2020 ވަނަ އަހަރު ރެކްރޫޓް ކުރި 10 އަހަރާއި 17 އަހަރާ ދެމެދުގެ ޖުމްލަ 1،406 ކުދިންގެ މަރުވެފައިވާ ހަށިގަނޑުތައް މިހާތަނަށް ދެނެގަނެވިފައިވެއެވެ.