ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލާފައި ހުއްޓައި އޭނާގެ މައިންބަފައިންނަށް އިންޒާރު ދީން މައްސަލައެއްގައި އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ އެމްޑީޕީގެ އޮފީހުގައި ކުރިން ޕިޔޯނަކަށް މަސައްކަތް ކުރި އަދި އެ ޕާޓީގެ ވަރުގަދަ އެކްޓިވިސްޓެއް ކަމަށްވާ މ. ހަނީކޯމްބް، އަހްމަދު ޖަޒީލްއެވެ.

ފުލުހުން ބުނީ އަމިއްލަ މައިންބަފައިންނަށް އިންޒާރުދީ ބިރުދެއްކުމުގެ ތުހުމަތުގައި 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ ޖަޒީލެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަންދީ އެމްޑީޕީގެ އޮފީސް ތެރޭގައި ހުއްޓާ ޗޭނުގަނޑަކުން ޖަހާ ބޯފަޅާލި މައްސަލައިގައި ވެސް ހައްޔަރު ކުރީ ޖަޒީލެވެ. ޖަޒީލް ހައްޔަރުކުރި ނަމަވެސް ބަންދުގައި ދުވަސްކޮޅަަކު ބެހެއްޓުމަށްފަހު ފުލުހުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

މަންދީ އަށް ހަމަލާދިނުމާ ގުޅިގެން ދައުލަތުން ވަނީ ޖަޒީލްގެ މައްޗަށް ދައުވާ ވެސް އުފުލައިފައެވެ.

ޖަޒީލަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރިކޯޑު އޮތް މީހެކެވެ.