މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބާއްވާ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައިފިއެވެ.

އެމްޓީސީސީގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެމްއައިޓީޑީސީގެ ފަރާތުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މި ޔޮޓު ރެލީ އޮންނާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފެބްރުއަރީ 20 އަށެވެ.

ބޭރުގެ ޔޮޓުތަކަށް ވެސް ހުޅުވާލައިގެން ބާއްވާ ޔޮޓް ރެލީއަކީ ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި އެމްއައިޓީޑީސީން ބާއްވާ ރެލީއެކެވެ. މި ރެލީގައި ބައިވެރިވާ ފަރާތްތަކުން ރަށްރަށަށް ޒިޔާރަތްކޮށް، އެ ރަށް ރަށުގެ ސަގާފީ ކަންކަން ތަޖުރިބާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މަޝްހޫރު ޑައިވް ސްޕޮޓްތަކާއި ސޭންޑް ބޭންކް ފަދަ ތަންތަނަށް ޒިޔާރަތް ކުރުން ރެލީގައި ހިމެނެއެވެ. މި ރެލީއަކީ ކޮންމެ އަހަރަކު ވަކި ތީމްއެއް ކަނޑައަޅައިގެން ބާއްވާ އިވެންޓެކެވެ.

އެގޮތުން ފުރަތަމަ ޔޮޓް ރެލީގެ ތީމާއި ނަން ރައްދުވަނީ ބޮޑުތަކުރުފާނަށެވެ.

މި ރެލީގައި ހއ. އަތޮޅުގެ ރަށްތަކަށް ފުރަތަމަ ދަތުރު ކުރާ އިރު، އޭގެ ފަހުގައި ދަތުރު ކުރާނީ ބ. އަތޮޅުގެ ރަށްތަކަށެވެ. މި ރެލީގައި މީހުން ދިރިއުޅޭ 11 ރަށަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިންގެ ސަގާފީ ކަންކަމާއި ދިރިއުޅުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ފަތުރުވެރިންނަށް ލިބޭނެއެވެ.

ރެލީގައި ދަތުރުކުރަން ހަމަޖެހިފައިވާ ރަށްތަކަކީ ބޮޑުތަކުރުފާނު ނިސްބަތްވާ ހއ. އުތީމުގެ އިތުރުން ހއ. އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. ގައްލަންދޫ، ހއ. އިހަވަންދޫ، ހއ. ތަކަންދޫ، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ހދ. ކޭލަކުނު، ށ. ފުނަދޫ، ށ. ނަލަންދޫ، ށ. ލަންދޫ އަދި ބ. ތުޅާދޫ އަދި ކުޅުދުއްފުށި ސިޓީއަށެވެ.

ކިޔުންތެރިންގެ ހިޔާލު