އެމްޓީސީސީގެ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ތަމްރީން ކުރުމަށް ބާއްވާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިއީ އެމްޓީސީސީއަށް ބޭނުންވާ އެކި ދާއިރާތަކުގެ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ތަމްރީންކޮށް ބިނާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ތިން ކުއާޓަރުގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައިވާއިރު، ފުރަތަމަ ކުއާޓަރުގެ 140 ފުރުސަތު ހުޅުވާލަން އެ ކުންފުނިން ވަނީ ނިންމާފައެވެ.

މި އަހަރުގެ ފުރަތަމަ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވާލި މި ފުރުސަތުގައި ބަސް ޑްރައިވަރުންނާއި، އެކްސްކަވޭޓަރު އޮޕަރޭޓަރުންނާއި ކްރޭން އޮޕަރޭޓަރުންނާއި، ލޯޑާ އޮޕަރޭޓަރުންނާއި، ސައިޓް ސުޕަވައިޒަރުންނާއި، ވެލްޑަރުންނާއި މެެރިން މެކޭނިކް އަދި ޓަކް މެކޭނިކުންނާއި ޓިންކާ އިން ތަމްރީން ކުރާނެ ކަމަށެވެ.

Azim mtcc
އެމްޓީސީސީގެ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ތަމްރީން ކުރަން ބާއްވާ ހުނަވަރު ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

މި ޕްރޮގްރާމަކީ ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ހޮވޭ ކުދިންނަށް 5،000ރ.ގެ އެލަވެންސެއް ލިބޭނެއެވެ. އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް މި ޕްރޮގްރާމަށް ކުރިމަތިލެވޭއިރު، ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދާނީ ސައިޓްތަކުގައިކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކޮށްގެން ނޫނީ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.

އާޒިމް ވިދާޅުވީ، މިއީ ރަނގަޅު މުސާރަ އަކާއި، ވަރަށް ބޮޑަށް ކުރިއަށްދެވިދާނެ ވަޒީފާތަކެއް ކަމަށެވެ. އަދި ޕްރޮގްރާމުން ފާސްވާ ފަރާތްތަކަށް ވަގުތުން ވަޒީފާގެ ފުރުސަތު އެމްޓީސީސީން ހަމަޖެހިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މި ވަޒީފާ އަދާ ކުރާ ފަރާތްތަކަށް، އެ ކުދިން ރަނގަޅަށް މަސައްކަތް ކުރާކަމުގައިވާނަމަ 10،000ރ. އާއި 25،000ރ އާ އަދަދަކަށް މުސާރަ ލިބޭ ވަޒީފާތަކެއް މި ވަޒީފާތަކަކީ". އާޒިމް ވިދާޅުވިއެވެ.

މިފަހަރުގެ ޕްރޮގްރާމްގެ އޯޕަންޑޭ ތިން ތަނެއްގައި ބޭއްވުމަށް ނިންމާފައި ވެއެވެ. އެއީ ހދ. ކުޅުދުއްފުށި އާއި ލ. ފޮނަދޫގެ އިތުރުން މާލޭގައެވެ. އެގޮތުން ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ކުޅުދުއްފުށީގައި، ފަސް ވަނަ ދުވަހު މާލޭގައި އަދި ހަ ވަނަ ދުވަހު ފޮނަދޫގައި މި ޕްރޮގްރާމްގެ އޯޕަންޑޭ ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. މި އޯޕަންޑޭގައިވެސް ވަޒީފާތަކަށް ކުރިމަތިލެވޭނެއެވެ.

Azim mtcc
އެމްޓީސީސީގެ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ތަމްރީން ކުރަން ބާއްވާ ހުނަވަރު ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

އެމްޓީސީސީގައި މިހާރު 3200 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ 38 މުވައްޒަފަކުވެސް ހިމެނެއެވެ.

އެ ކުންފުނީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށްވެސް ތަމްރީންތައް ދެވިފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް މި ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވެވިދާނެ ކަމަށެވެ.

އެމްޓީސީސީއަކީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދަކަށް ޕްރޮޖެކްޓްތައް ހިންގާ ކުންފުންޏެވެ. އެހެންކަމުން ކުންފުންޏަށް ގިނަ އަދަދަކަށް މުވައްޒަފުން ބޭނުންވާނެއެވެ. އެ ކުންފުނިން ވަނީ ޓެކްނިކަލް ދާއިރާއަށް ދިވެހި މުވައްޒަފުން ވަރަށް މަދުކަން ފާހަގަކޮށް، މި ޕްރޮގްރާމްގައި ބައިވެރިވެގެން އެ ދާއިރާއިން ދިވެހިން ކުރިއަށް ދިއުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައްސިރެ

    ކޮން ހައިސިއްޔަތަކުންތޮ އާޒިމު ތިމަގާމަށް ހޮވިފަތިހިރީ ، އޭނާގެ އާރު ސީ ސީ ކުނަފުނިންވެސް އެމަޓީސީސީ ކުރާ މަސައްކަތްކުރޭ ދެ،ންވިސްނާލައްވާ ރަތްޔަތުން

    3
    1