އެމްޓީސީސީގެ ބަސް ޑްރައިވަރެއްގެ ގޮތުގައި އަންހެނަކު ތަމްރީން ވެފައިވާ ކަމަށާއި، އެ ކުންފުނީގެ ބަސްތަކަށް އަންހެން ބަސް އެޓެންޑުން ހޯދަން އަންނަ މަހު އިއުލާނު ކުރާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ބަސް ޑްރައިވަރެއްގެ ގޮތުގައި އަންހެނަކު ތަމްރީންވެފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ބަސް ދުއްވަން ތައްޔާރުވެފައިވާ ކަމަށް އާޒިމް ފާހަގަކުރެެއްވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މިކަން ޕްރޮމޯޓް ކުރާތީގެ ވަރަށް ބޮޑަށް އަންހެން ކުދިން މިކަމަށް ޝައުގުވެރިކަން ފާޅު ކުރޭ، އަންހެން ކުދިން ހިތްވަރުލާފައި މިކަމުގެ ތެރެއަށް ނުކުންނަން ފަށައިފި، އެއީ ވަރަށް ބޮޑު ފާލެއް". އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ތަމްރީން ކުރަން ބާއްވާ ހުނަވަރު ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ

މިއަދު އެމްޓީސީސީން އިއުލާނު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގައިވެސް 50 ބަސް ޑްރައިވަރުން ތަމްރީން ކުރުމަށް ހުޅުވާލާފައި ވެއެވެ. އެ ފުރުސަތު އަންހެން ކުދިންނަށްވެސް އެބައޮތެވެ.

ސީއީއޯ އާޒިމް މިއަދު ވިދާޅުވީ، އެމްޓީސީސީގެ ބަހުގެ ހިދުމަތްތައް ރަނގަޅުކޮށް ހަރުދަނާ ކުރުމަށްޓަކައި، އިތުރު ބަސްތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޖުލައި، އޮގަސްޓް ހާ ހިސާބަށް، އޭގެ ކުރިއަށް އިތުރު ބަސްތަކާއި އެއްޗެހި މާލެ ސަރަހައްދަށް އަންނާނެ".

އާޒިމް ވިދާޅުވީ، އެ ބަސްތަކުގެ ވަޒީފާތަކަށްވެސް ދިވެހިން ބޭނުންވާ ކަަމަށެވެ. އޭގެ ތެރޭގައި ބަސް އެޓެންޑުންގެ ވަޒީފާ ހިމެނެއެވެ. އަދި މިކަމަށް ވީހާވެސް ގިނަ އަންހެން ކުދިން ބޭނުންވާކަން އާޒިމް ފާހަގަކުރެއްވިއެވެ.

"އެހެން ވަޒީފާތަކަށް އަންހެން ކުދިން ބައިވެރިވެެއްޖެއްޔާ އަޅުގަނޑުމެން އިސްކަން ދޭނަން އަންހެން ކުދިން ނަގަންވެސް. އެއީ އަންހެނުން ބާރުވެރި ކުރުން އިތުރު ކުރުމަށް، ސަރުކާރު ޕޮލިސީ ތެރޭގައި ހިމެނޭ ހުރިހާ އެންމެންނަށް ހަމަަހަމައަށް ކަންތައް ކޮށްދިނުން.". އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އަންނަ މަސް ތެރޭގައި 50 ބަސް އެޓެންޑުން ހޯދަން އިއުލާނު ކުރާނެ ކަމަށެވެ. އަދި 10،000ރ. އާއި 15،000ރ އާ ދެމެދުގެ އާމްދަނީއެއް އެ މުވައްޒަފުންނަށްވެސް ލިބޭއިރު، އެ މުވައްޒަފުންވެސް މަސައްކަތަށް ނެރޭނީ ތަމްރީން ދިނުމަށްފަހުގައި ކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ކަސްޓަމަރ ސާވިސް ތަމްރީން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަމަލު ކުރާނެ ގޮތްތަކާއި، އެކި ތަމްރީންތައް ހިމެނެއެވެ.

އާޒިމް ވިދާޅުވީ، ކުރިންވެސް އެ ކުންފުނިން ހިންގި ޕްރޮގްރާމްތަކުގައި އަންހެން ކުދިންނަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. އަދި މިހާރު އެ ކުންފުނީގެ އޮފީހުގެ ސެކިއުރިޓީގައިވެސް އަންހެނުން މަސައްކަތް ކުރާކަން އާޒިމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންހެން

    މާ މޮޅު ކަމެއްކަމަށް ހީކޮށް ތިކަހަލަ ނުރައްކާތެރި ބޮޑެތި ޒިންމާތައް އަންހެނެއްގެ ބޮލުގަ ތި އަޅުވަނީ ތީގެން ނުކުމެދާނެ ނުރައްކާތެރި ނަތީޖާއަކަށް ބެލުމެއްނެތި. އާންމުން ވެސް ނުރައްކަލަށް ތި ހުށަހަޅަނީ.