ހއ.ދިއްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ބާއްވާ ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް "ލިބޭ" ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

މިއެއްބަސްވުމުގައި ލިބޭގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖަރު އިސްމާއީލް ސައީދު އެވެ. މިޑްލް ސްޕޯޓްގެ ފަރާތުން ސޮއި ކުރެއްވީ އެޖަމިއްޔާގެ ރައީސް ނަޝްވާން އިބްރާހިމް އެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ނަޝްވާން މިރޭ ވިދާޅުވީ މިހާރު "ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިމަހުގެ 17 ވަނަ ދުވަހަށް މުބާރާތައް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އުމުރުން އަށް އަހަރުން ދޮށީގެ ހުރިހާ ފަރާތްތަކަށް ވެސް މިމުބާރާތުގައި ބައިވެރިވެވޭނެއެވެ.

"މުބާރާތައް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި މިމަހުގެ 24 އިން 26 އަށް އޮޑިޝަން ކުރިއަށް ގެންދިއުމަށް ފަހު އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ 20 ދަރިވަރަކަށް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެން ދާނެ. މުބާރާތް ކުރިއަށް ގެންދާނީ އޭޕްރީލް 01 އިން 15 އަށް. މުބާރާތް ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެން. އޭޕްރީލް 01 އިން 02 އަށް ފުރަތަމަ ބުރު އޮންނާނެ. އެބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދިހަ ދަރިވަރުން ދާނެ ދެވަނަ ބުރަށް. ދެވަނަ ބުރުު އޮންނާނީ އޭޕްރީލް 7 އަދި 8 ވަނަ ދުވަހު. ފައިނަލް ބުރު އޮންނާނީ އޭޕްރީލް 15 ވަނަ ދުވަހު." ނަޝްވާން ވިދާޅުވިއެވެ.

ނަޝްވާން ވިދާޅުވީ މުބާރާތުގެ އެއްވަނަ ހޯދާ ދަރިވަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. "އަދި އިތުރު ސްޕޮންސަރުން ހަމަޖެހި، އިތުރު އިނާމުތައް ވެސް މުބާރާތުގެ ބައިވެރިންނަށް ދެވޭނެ." ނަޝްވާން ވިދާޅުވިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފެބްރުއަރީ 17 ވަނަ ދުވަހުގެ 21:00 ކުރިން "ލިބޭ ދިއްދޫ އެންމެ އަލިގަދަތަރި ޤުރްއާން މުބާރަތުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިޑުލް ސްޕޯޓްސް ކުލަބުގެ އިދާރާއަށް ހުށަހެޅުއްވުމަށް އެ ކުލަބުން އެދެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު އެ ކުލަބުގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވަން ބޭނުންފުޅުވާ ފަރާތްތަކުން ކުލަބްގެ ހޮޓަލައިން ނަމަބްރ 7656766 އަށް ގުޅުއްވުމަށް ކްލަބުން ވަނީ އެދިފައެވެ.

މި މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގައެވެ. މުބާރާތް ކުރިއަށްދާ ވަގުތު ބައިވެރިންގެ ކިޔެވުން އަޑުއަހަން ވަންނަން ބޭނުން ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ. އަދި މުބާރާތް އެ ކުލަބުގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.