މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސްޓްރެޓެޖިކް ޕްލޭން 2022-2026 އިފްތިތާހު ކޮށްފިއެވެ.

އެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްެއެވެ.

ފައްޔާޒު ވިދާޅުވީ މިއަދު ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން އެންމެ ފުޅާކޮށް އެބައޮތްކަމަށާއި، ނަމަވެސް ރައްޔިތުންގެ އިތުބާރު އެންމެ އެދެވޭ ގޮތެއްގައި އަދި ލިބިފައި ނެތްކަމަށެވެ. އެހެންކަމުން މިފަދަ ޕްލޭނެއްގެ ތެރެއިން އެންމެ އިސްކަމެއް ދޭންވީ، ރާއްޖޭގެ ނޫސްވެރިކަމަށް އާންމުންގެ އިތުބާރު ހޯދުމާއި، ޕްރޮފެޝަނަލް ނޫސްވެރިން ބިނާކުރުންކަމުގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ "ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް" އެއްގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ.

މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީގެ ވިދާޅުވީ ސްޓްރެޓެޖިކް ޕްލޭން ވެގެންދާނީ ރާއްޖޭގެ ހަލުވި ދުވެލީގައި ކުރިއަރަމުންމިދާ މީޑިއާގެ މާހައުލުގައި އިންސްޓިޓިއުޝަނަލް އިފެކްޓިވްނަސް އަދި އެފިޝަންސީ ރަނގަޅުކުރުމަށް ކުރަހައިދޭ މަގުޗާޓަކަށް ކަމަށެވެ. މި ޕްލޭން ރަނގަޅަށް ތަންފީޒު ކުރުމުގެ ސަބަބުން، މީޑިއާގެ ދާއިރާއަކީ ޕްރޮފެޝަނަލް ދާއިރާއަކަށްވެ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭގޮތަށް، މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް މަގުފަހިވެގެންދާނެކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
ފޮޓޯ: އެމްއެމްސީ

މި ޕްލޭންއަކީ އެމްއެމްސީގެ 13 އަހަރުގެ މާޒީގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނު ސްޓެރެޓެޖިކް ޕްލޭނެވެ. ޕްލޭން އެކުލަވައިލެއްވުމުގައި ކައުންސިލްގެ މެންބަރުންނާއި، އިދާރީ މުވައްޒަފުން ކުރެއްވި މަސައްކަތަށް ޝުކުރުއަދާކޮށް، މި ރަސްމިއްޔާތުގައި ބައިވެރިވި، މިނިސްޓަރަށާއި، ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންނާ އިދާރީ މުވައްޒަފުނަށް އޭނާ ޝުކުރު ދެންނެވިއެވެ.

އިފްތިތާހު ކުރެވުނު ސްޓްރެޓެޖިކް ޕްލޭންއަކީ 2022-2026 ގައި ކައުންސިލުން ހާސިލުކުރުމަށް ބޭނުންވާ މުހިންމު ލަނޑުދަނޑިތަކާއި، ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތްތަކަށް ގެންގޮސް ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތްވާ ޕްރޮފެޝަނަލް މިންގަނޑަށް ފެތޭ ނޫސްވެރިކަމެއް ބިނާކުރެވިގެންދާނެފަދަ މުހިއްމު މަސައްކަތްތައް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޕްލޭންއެކެވެ.

ޕްލޭންގެ މުއްދަތުގެ ތެރޭގައި އެމްއެމްސީން ނަތީޖާ ހާސިލުކުރުމަށް އަމާޒުހިފާނެ މައިގަނޑު 7 "ކީ ރިޒަލްޓްސް އޭރިއާ" އެއް ވަރަށް ތަފްސީލުކޮށް ހިމަނާފައިވެއެވެ. ކައުންސިލަށް އިންޑަސްޓްރީގެ އިތުބާރު ހޯދުމާއި، މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމާއި، ވަކި ފަރާތަކަށް ނުޖެހޭ ޑިސްޕިއުޓް ރިޒޮލިއުޝަން މެކާނިޒަމްއެއް ގާއިމް ކުރުމާއި، މާލީ މިނިވަންކަން އިތުރުކުރުމާއި، މީޑިއާ ކައުންސިލުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ރާއްޖޭގައި ޕްރޮފެޝަނަލް މީޑިއާ ޑިވެލޮޕްމަންޓް ކުރިއެރުވުން އަދި މުޖްތަމައުގެ އެންގޭޖްމަންޓް އިތުރުކުރުން ހިމެނެއެވެ. އަދި މި ކަންކަން ހާސިލުކުރެވޭ މިންވަރު އަހަރުން އަހަރަށް މިންކުރެވޭނެ މެކޭނިޒަމްއެއްވެސް މި ޕްލޭންގައިވަނީ ހިމަނައިފައެވެ.