އިދިކޮޅު ކޯލިޝަނުން ޖުމްހުރީ މައިދާނުގައި ކުރިއަށް ގެންދިޔަ ހަރަކާތް ކަވަރު ކުރަމުންދިޔަ ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރި މައްސަލަ ކަމާއި ބެގޭ އިދާރާތަކުން ބެލުމަށް އެކޯލިޝަނުން ގޮވާލައިފިއެވެ.

އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އެ ހަރަކާތް ކަވަރު ކުރަމުންދިޔަ ނޫސްވެރިންނަށް ހުރަސް އަޅާ އެންމެ ފަހުން ފުލުހަކު ވަނީ ނޫސްވެރިންތަކެއް ކޮށްޕާ ބިންމައްޗަށް ވެސް ވައްޓާލާފައެވެ. އަދި ބިންމަތީގައި އޮތް އަންހެނެއްގެ ގައިގައި ފުލުހެއްގެ އެންކަލުން ވެސް ވަނީ ޖެހިފައެވެ.

ފުލުހުންގެ މި އަމަލު ކުށްވެރިކޮށް އިދިކޮޅުން ވަނީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާ ނޫސްވެރިންނަށް ތަކުރާރުކޮށް ފުލުހުން އަނިޔާ ކުރަމުން ގެންދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ބުނެފައެވެ.

އެހެންކަމުން މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ނޫސްވެރިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި، ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިއާ ކައުންސިލް އަދި އިންޓެގްރިޓީ ކޮމިޝަނަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އިއްޔެ ހަރަކާތުގެ ތެރެއިން ހައްޔަރު ކުރި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު، މާލެ ސިޓީ ކައުންސިލަރ އިބްރާހިމް ޝުޖާއުގެ އަދި މާލެ ސިޓީ ކައުންސިލަރ އަދި ޕީޕީއެމްގެ ސެނެޓަރ، އަހުމަދު އައިފާން ހިމެނެއެވެ.

ނަމަވެސް ރޭ ފުލުހުން ވިދާޅުވީ އެ އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫސްވެރިން

    މިކަހަލަ ފުރިހަމަ ޑިމޮކްރަސީއެއްގަ ނޫސްވެރިން ގުރުބާން ކުރަން ޖެހެޔޯ. ދެން ކީއްކުރާނީ ދޯ

    3
    1
  2. ފަލަކް

    ރައީސް ވިދާޅުވީ މި ސަރުކާރުގައި ނޫސްވެރިކަމަށް މިނިވަންކަން ލިބިއްޖެކަމަށް،
    އެހެންވީމާ ތީ ހަމަމިނިވަންކަން،