ވަށައިގެން ބިރުވެރިކަމެވެ. އަނިޔާވެރިކަމެވެ. ލާއިންސަނިއްޔަތު ކަމެވެ. ބޭއިންސާފެވެ. މިއީ އެންމެނަށް އެނގޭ ކަންކަމެވެ. ނަމަވެސް މިއިން ކަމަކާއި ދެކޮޅަށް ބަހެއް ބުނެލަން ކެރުނު ދިވެއްސަކު ނެތެވެ. ސަބަބުތައް ބައިވަރެވެ. އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހި، ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި މަރާއި ބައްދަލު ކުރަން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އެހެންވެ ބިރު ފަހަނައަޅައި ދިއުން އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމަކަށް ނުވިއެވެ.

ނަމަވެސް އަހްމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) އަކީ ތަފާތު ބޭފުޅެކެވެ. އޭނާ ވިދާޅުވާ ގޮތުން ބޭއިންސާފާއި، ލާއިންސާނިއްޔަތު ކަމާއި ދެކޮޅަށް އޭނާ ތެދުވެވަޑައިގަތުމުގެ ސަބަބަކަށް ވެފައި އޮތީ ބޭއިންސާފާއި ދެކޮޅަށް ބަސް ބުނުމުގެ ސިފައަކީ ޠަބީއަތުގައި ވެސް ހުރި ސިފައަކަށް ވުމެވެ. އޭގެ އިތުރުން ބޯޓު ދަތުރު ކުރައްވަން ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމާއިއެކު ދުނިޔެއަށް ލޯ ހުޅުވި، ދުނިޔޭގެ އާޖުފާޖު އެނގިވަޑައިގެންފައި ވުމަކީ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ބޭއިންސާފު ސަރުކާރާއި ދެކޮޅަށް ނިކުމެވަޑައިގަންނަވަން ލިބިވަޑައިގެންނެވި އިތުރު ހިތްވަރެކެވެ.

އަހައްމައިދީ 2012 ވަނަ އަހަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ކުޑަކުއްޖެއްގެ އުމުރުގައި އޭނާއަށް "ސިޔާސީ ވެވިއްޖެއެވެ." ސަންދާނުގެ މަސައްކަތް ފަށައިގަތުމުގެ މާކުރިން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރެއްވެވިއެވެ. ނަމަވެސް "ސިކުނޑީގެ އެއްފަރާތުގައި ސެންސަރު ބޯޑެއް" ބަހައްޓައިގެން އުޅެން ޖެހުނު އެޒަމާނުގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އިންތިހާބު އައިއިރު އޭނާ އޮންނަން ޖެހިވަޑައިގަތީ ޖަލުގައެވެ. އެފަހަރު ޖަލުގައި 44 ދުވަހު އޮންނަން ޖެހިވަޑައިގަތެވެ.

އަހައްމައިދީ ވިދާޅުވެފައިވާ ގޮތުގައި ދުލާއި ގަލަމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމާއި އެއީ އިންސާނީ ވަރަށް ބޮޑު ހައްގެއްކަން އޭނާ އަބަދުވެސް ގަބޫލު ކުރައްވައެވެ.

"ހައެއްކަ މީހުން ދިވެހިންނަށް ލިބޭ ހުރިހާ އެއްޗެއް ބޭނުންކޮށްލާ ދިވެހިންނަށް ލިބެމުން ދިޔައީ ލަނޑު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުލުގެ މިނިވަންކަމާއި، ގަލަމުގެ މިނިވަންކަން އޮންނަން ޖެހޭ. މިއީ އިންސާނީ ވަރަށް ބޮޑު ހައްގެއް. އެހައްގުން ދިވެހިން ވަނީ މަހްރޫމްވެފައި." އަހައްމައިދީ ވިދާޅުވިއެވެ.

ބޯޓު ދަތުރުކުރަން އުޅުނު މީހަކަށް ގައުމެއްގެ ސިޔާސީ މަސްރަހު ބަދަލު ކޮށްލުން އެއީ ކުރެވިދާނެ ކަމެއް ކަމަށް ހުދު އަހައްމައިދީ ވެސް ގަބޫލެއް ނުކުރައްވައެވެ. ނަމަވެސް "ލޭގެ ވިންދުގެ ތެރޭގައި" އަބަދުވެސް އޮންނަ ސިޔާސީ ބަސް ބުނުމާއި، ސިޔާސީ މަސައްކަތް ކުރުން ހުއްޓާލައިގެން ހުންނެވޭ ގޮތެއް ނުވިއެވެ.

"ހުރިހާ ގަލަންތައް ކަސްތޮޅު އަޅާފައި. ދޫތައް ބިޑި އަޅުވާފައި. ސިކުނޑިތައް އަނދަގޮނޑި ޖަހާފައި." އޮތް އޮތުން ނިމުމަކަށް ގެންނަން އޭނާ އަތުކުރި އޮޅާލެއްވީ އެކަމުގެ ނުރައްކާތެރިކަން އެނގިވަޑައިގެން ހުންނަވައެވެ.

ލިޔުންތައް މަގުތަކަށް އަޅައިގެންނާއި، އެމްބަސީތަކަށް ވަދެގެން ކުރަމުން އައި މަސައްކަތް އިތުރު ގިއަރަކަށް ޖައްސާލެވުނީ އިންޓަނެޓް ތައާރަފްވުމުންނެވެ. އަހައްމައިދީ ވިދާޅުވި ގޮތުގައި އިންޓަނެޓް މެދުވެރިކޮށް ލިޔުންތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަން އޭނާ ފުރަތަމަ މަޝްވަރާ ކުރެއްވީ އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ) އާއިއެވެ. ނަމަވެސް އޭރުގެ ކަންކަން ހުރިގޮތުން ނޫހެއް ނެރުމަށް ފުރަތަމަ ޕީޑީއެފް ފޯމެޓަށް ލިޔުމެއް ތައްޔާރުކުރާނެ ގޮތް ދަސްކުރައްވަން ލުތުފީއަށް ހައްކަ މަސްދުވަސް ހޭދަވިއެވެ. ޕީޑިއެފް ފޯމެޓްގައި ލިޔުންތައް ތައްޔާރުކުރާނެ ގޮތް ލުތުފީ އަހައްމައިދީއަށް ދައްކާލި ދުވަހު އުފަލުން ގޮސް ރޮވުނު ކަމަށް އަހައްމައިދީ ވިދާޅުވިއެވެ. "އަޅުގަނޑު ދެންނެވިން ތިން އަހަރު ދޭށޭ. މާލެއަށް ހަވަރު އެއްކޮށްލާނަމޭ." އެހިސާބުން މަސައްކަތް ފެށުނީއެވެ.

އަދުލްއިންސާފަކީ މުޖުތަމައުގެ ހަމަޖެހުން ކަމަށް ސަންދާނުގެ ޝިއާރު ކަމުގައި ހައްދަވައިގެން މަސައްކަތް ފެއްޓެވީ 2001 ވަނަ އަހަރުގެ މެދުތެރޭގައެވެ. "ސަންދާނު ވެގެންވީ ދަންމަރަކަށް. ދިވެހިންގެ ސިޔާސީ މިހަޔާތައް، އާވިސްނުމަކަށް، އާއުދަރެހަކަށް މިސްރާބު ބަދަލުވީތަން ފެނުނޭ." ވިދާޅުވެ އަހައްމައިދީ އާއި އޭނާގެ ޓީމުގެ އަނެއް ދެބައިވެރިން ކަމަށްވާ ލުތުފީ އަދި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އާއިއެކު މަސައްކަތް ފެއްޓެވުމާއިއެކު މުޅި ސަރުކާރު ގުޑެން ފެށިއެވެ.

ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ސަންދާނުގެ ބައިވެރިން ހޯދުމުގެ މަސައްކަތް ފެށިއެވެ. 2002 ވަނަ އަހަރުގެ ޖަނަވަރީ 30 ވަނަ ދުވަހު ސިފައިންގެ ތަހްގީގު ޓީމްތަކާއި، ސިފައިންގެ އިންޓެލިޖެންސް އޮފިސަރުން ފުރަތަމަ ރެއިޑް ކުރީ ނަޒާކީ ޒަކީގެ އޮފީހެވެ. އަދި ނަޒާކީ ޒަކީ ހައްޔަރު ކުރިއެވެ.

ޖެހިގެން އައި ދުވަހު އަހައްމައިދީ ހައްޔަރުކުރީ ސްރީލަންކާ އިން ބެންކޮކަށް ފުރައިވަޑައިގަންނަވަން އެއާޕޯޓްގައި ހުންނަވަނިކޮށެވެ. އަހައްމައިދީ ހައްޔަރު ކޮށްގެން މާލެ ގެނައެވެ. އަދި ލުތުފީ އާއި، ނަޒާކީ ޒަކީގެ މުވައްޒަފެއް ކަމަށްވާ ނިސްރީން ވެސް ހައްޔަރު ކުރިއެވެ. ދެން ފެނިގެން ދިޔައީ މައުމޫންގެ ވެރިކަމުގައި އިއްވި އެންމެ ލާއިންސާނީ އެއްހުކުމް އިއްވިގެން ދިޔަ މަންޒަރެވެ. ލިޔުމެއް ލިޔުނު ބައެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި މަންޒަރެވެ.

އެއާއިއެކު މައުމޫނަށް ސަންދާނުގެ ކިބައިން ސަލާމަތް ވެވުނީ ކަމަށް ހީކުރެވުނެވެ. ނަމަވެސް މައުމޫންގެ ތަޖުރިބާކާރު ސިޔާސީ ސިކުނޑިއަށް، ސަންދާނުގެ ޕްރެޝަރު ކޮންޓްރޯލް ކުރެވޭނެ މަންތިރިއެއް ނުހެދުނެވެ. ޕްރެޝަރަކަށްފަހު ޕްރެޝަރެއް އައީ ބޮޑުވަމުންނެވެ.

2003 ވަނަ އަހަރުގައި އީވާން ނަސީމް ޖަލުގައި މަރާލުމާއި، އަދި ޖެހިގެން އައިދުވަހު ޖަލުގައި ބަޑިޖަހައި އިތުރު ތިން ޒުވާނަކު މަރާލާ، އިތުރު ބަޔަކު ޒަހަމްކޮށްލުންވީ މައުމޫންގެ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުން ފަދަ ކަމަކަށެވެ.

2004 ވަނަ އަހަރުގެ އޮގަސްޓް 12، 13 ގައި މާލޭ ޖުމްހޫރީ މައިދާނަށް ހަވަރު އެއްވިއެވެ. އޭގެ ތިން އަހަރު ކުރިން އަހައްމައިދީ ވިދާޅުވި ވާހަކަފުޅު ސީދާ ވީއެވެ. އޭރު އަހައްމައިދީ ހުންނެވީ ގޭބަންދުގައެވެ. ނަމަވެސް އޮގަސްޓް 13 ވަނަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނަށް ވަޑައިގެން އެއްވެފައި ތިބި މީހުންނަށް ފޯރި ގެނެސް، އެމީހުން އެތަނުގައި ތިބުމަށް ހިތްވަރު ދެއްވައި އެތައް ގަޑިއިރެއް ވަންދެން މެދުނުކެނޑި ވާހަކަފުޅު ދެއްކެވިއެވެ.

މައުމޫނަށް ސަންދާނުގެ ކިބައިން ސަލާމަތް ނުވެވި ބައިނަލްއަޤުވާމީ ޕްރެޝަރު ދިޔައީ ބޮޑުވަމުންނެވެ. އެންމެފަހުން އެނޫން ގޮތެއް ނެތިގެން 2006 ވަނަ އަހަރު ސަންދާނުގެ ބައިވެރިންނަށް މައާފު ދެއްވިއެވެ.

2008 ވަނަ އަހަރު މައުމޫންގެ ވެރިކަން ނިމުނުއިރު އަހައްމައިދީ ހުންނެވީ ޑރ.ހަސަން ސައީދުގެ ފަހަތްޕުޅުގައެވެ. 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށްފަހު އޭނާ ސިޔާސީ މަސްރަހުން ގެއްލުނެވެ. ނަމަވެސް 2011 ވަނަ އަހަރުގެ ފަހުކޮޅު އަނެއްކާވެސް ސިޔާސީ މަސްރަހުން ފެންނަން ފެށިއެވެ.

އޭރު އަހައްމައިދީގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އައްޑޫ ސިޓީގައި މޮނިއުމަންޓްތަކުގެ ނަމުގައި ބެހެއްޓި ބުދުތަކެވެ. އެބުދުތައް ނަގަން ކުރި މަސައްކަތާއިއެކު މަޝްހޫރު 24 ޑިސެމްބަރު އިއްތިހާދު އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ އަހައްމައިދީއެވެ.

2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް މެދުވެރިވި އެއްސަބަބަކީ ވެސް އަހައްމައިދީއެވެ. އަހައްމައިދީ ދިޓީވީގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ހައްޔަރު ކުރިއެވެ. ނަމަވެސް ކޯޓަށް މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލީއެވެ. އޭގެފަހުން އެމައްސަލައިގައި ތަކުރާރުކޮށް އޭނާ ހައްޔަރު ކުރިއެވެ. ނަމަވެސް ހައްޔަރު ކުރާއިރަށް ކޯޓުން އޭނާ ދޫކޮށްލަން ފެށުމުން ސަރުކާރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރީއެވެ. ނަޝީދުގެ ވެރިކަން ވެއްޓުނީ އެކަމުގެ ސަބަބުން ދެން ހިނގައި ދިޔަ ކަންކަމުގައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހިނގި ނާއިންސާފު ކަންކަމާއި ދެކޮޅަށް އަހައްމައިދީ ހިޔާލު ފާޅުކުރައްވާ ހެއްދެވިއެވެ.

މިއަދު އަބަދުގެ އަބަދަށް އަހައްމައިދީ އަޅުގަނޑުމެންނާއި ވަކިވެ ހިނގައްޖެއެވެ. ނަމަވެސް މިއަދު ދިވެހިން މިދެކޭ ޑިމޮކްރަޓިކް ނިޒާމާއި ބަސް ބުނުމުގެ ހައްގާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުމަށް އަހައްމައިދީއަށްވުރެ ބުރަކޮށް މަސައްކަތް ކުރެއްވި އެހެން ބޭފުޅަކު ނެތެވެ.

ސަންދާނުގައި ހުރި ކޮންމެ ވާހަކައަކީ ދިވެހި މުޖުތަމައާއި ގުޅޭ އަދި، އެންމެ ތެދު މައުލޫމާތެއް ވެސް ނޫނެވެ. ނަމަވެސް ސަންދާނު ވެގެން ދިޔައީ ދިވެހިން ވަށާލާފައި އޮތް ބިރުވެރިކަމާއި އަނިޔާވެރިކަމާއި ލާއިންސަނިއްޔަތު ކަމާއި ބޭއިންސާފުން ދިވެހިން ސަލާމަތް ކުރުމަށް ދިއްލުނު ދަންމަރަކަށެވެ. ދިވެހިންގެ ސިޔާސީ މިހަޔާތައް، އާވިސްނުމަކަށް އާއުދަރެހަކަށް މިސްރާބު ބަދަލުކޮށްދިނީ ސަންދާނެވެ.

ހުރިހާ ގަލަންތަކުގެ ކަސްތޮޅު ނައްތާލަދީ ދޫތަކުން ބިޑި ނައްޓުވާލަދީ ސިކުނޑިތަކުން އަނދަގޮނޑި ނައްޓައިދިނީ ސަންދާނުންނެވެ.

މާތްﷲ ސަންދާނު އަހައްމައިދީގެ ފާފަ ފުއްސަވާ، އޭނާއަށް ހެޔޮ ރަހުމަތް ލައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދޮންރަހާ

    ވަރައް ހިތްހެޔޮ ރަނގަޅު ބޭފުޅެއް އިސްލާހައް ގިނަގުނަ މަސައްކަތް ކޮއްދެއްވި ބޭފުޅެއް އީޔެގަވެސް ވާހަކަ ދެއްކިން ފޯނުން ލޮލުގެ ފެނުން ވަރައް ގޯސްކަމައް ވިދާޅުވި ރޭގަ ގުޅާނެކަމައް ވިދާޅުވި ދެން އިވުނީ ނިޔާވި ހަބަރު

    16
    4
  2. އއ

    ގައުމައް ހެޔޮބަދަލު ގެންނަން ބަރުމަސައްކަތްތަކެއް ކުރެއްވި ގައުމީ ބަލެއް.!! މަރުހޫމްގެ ފުރާނައައް ހެޔޮ ރަހުމަތް ލައްވާށި. އާމީން.

    25
    4
    • ޖުހާނާ

      "ގައުމީ ބަލެއް" އެއީ ކޮން ވައްތަރެއްގެ އެއްޗެއްބާ؟

      5
      3
  3. އިސްމާއީލް

    ވަރަށް ފުރިހަމަ ލިޔުމެކެވެ. އެއްވެސް ނޫހެއްގައި މަރުޚޫމް އަހަންމައިދީގެ މިފަދަ ތަފްސީލީ ލިޔުމެއްނެތެވެ. މާދުވަސްވީ ތަސައްރަފްފުދޭ ނަންހުރި ލިޔުންތެރިން ފެނެއެވެ. އެކަމަކު މިހާރުގެ ކުދިންނަށް އޭނާކުރެއްވި ވަރުގަދަ ޖިހާދުގެ ވާހަކަ ލިޔެލަންނުކެރުމަކީ ހައިރާންވިކަމެކެވެ. ލަދުވެތި ކަމެކެވެ. 'ވަގުތު'އަކީ މާޒުވާން ލިޔުނއތެރިން ހިމެނޭ ނޫހެކެވެ. މިކެރުމަށް ސާބަސްދެމެވެ. އަހަންމައިދީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލެއްވުންއެދި ދުޢާކުރަމެވެ.. އާމީން!

    16
    2
  4. ލައިޓް

    ވަރަށް އަސަރުކޮށްފި. އިންނާލިﷲ ވައިންނާ އިލައެހި ރާޖިޢޫން!