ދިވެހިން މިއަދު މިދެކޭ މިނިވަން ނޫސްވެރިކަމާއި ޑިމޮކްރަސީ ރާއްޖެއަށް ގެނައުމުގައި އެންމެ ގިނަ މަސައްކަތް ކުރެއްވި، އަދި އެމަސައްކަތުގެ ތެރެއިން އެންމެ ބޮޑު ޖަލު ހުކުމަކާއި ވެސް ކުރިމަތިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަހްމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) އަވަހާރަވެއްޖެއެވެ.

އަހައްމައިދީ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަން "ކަސްތޮޅު" އަޅާފައި ވަނިކޮށް އަހައްމައިދީ އާއި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އާއި އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ) ބައިވެރިވެގެން 2001 ވަނަ އަހަރު ސަންދާނު ނެރެން ފެށީ އީމެއިލް މެދުވެރިކޮށެވެ. އީމެއިލް މެދުވެރިކޮށް މުޅި ރާއްޖެ އަށް އެނޫސް ފޯރުކޮށްދޭން ފެށުންވީ ސަރުކާރު ނޭވާ ހޮޅިއަށް އެޅުނު ކަމެކެވެ.

އެންމެފަހުން ނޫސް ތައްޔާރު ކުރަމުން ގެންދިޔަ މީހުން ހޯދައި އަހައްމައިދީ އާއި ނަޒާކީ ޒަކީ އަދި ލުތުފީގެ އިތުރުން ފާތިމަތު ނިސްރީން ހައްޔަރުކޮށް އެމީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އެއީ 2002 ވަނަ އަހަރު އެވެ. ބޭރުގެ ޕްރެޝަރު އިންތިހާއަށް ބޮޑުވެ ސަންދާނުގެ ބައިވެރިން ދޫކޮށްލަން މައުމޫނަށް މަޖުބޫރުވީ 2006 ވަނަ އަހަރު އެވެ.

އޭގެފަހުން ވެސް އަހައްމައިދީ ސިޔާސީ ދާއިރާ އިން ފެނުނެވެ. 2008 ވަނަ އަހަރު ޑރ.ހަސަން ސައީދު ވެރިކަމަށް ގެންނަން ކުރި ކެމްޕޭންގައި ބައިވެރިވެ ވަޑައިގަތެވެ. އޭގެ ފަހުން ގައުމީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވިއެވެ.

2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް މެދުވެރިވި އެއްސަބަބަކީ ވެސް އަހައްމައިދީއެވެ. އަހައްމައިދީ ދިޓީވީގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ހައްޔަރު ކުރިއެވެ. ނަމަވެސް ކޯޓަށް މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލީއެވެ. އޭގެފަހުން އެމައްސަލައިގައި ތަކުރާރުކޮށް އޭނާ ހައްޔަރު ކުރިއެވެ. ނަމަވެސް ހައްޔަރު ކުރާއިރަށް ކޯޓުން އޭނާ ދޫކޮށްލަން ފެށުމުން ސަރުކާރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރީއެވެ. ނަޝީދުގެ ވެރިކަން ވެއްޓުނީ އެކަމުގެ ސަބަބުން ދެން ހިނގައި ދިޔަ ކަންކަމުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގަމުން ދިޔަ ކަންކަމާއި ގުޅިގެން ވެސް އަހައްމައިދީ ހިޔާލު ފާޅުކުރައްވާ ސަރުކާރަށް ފާޑުވިދާޅުވާ ހެއްދެވިއެވެ.

އަހައްމައިދީގެ ޖަނާޒާ އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    "މައްސަލަ ވަރަށް ސާފު" މުސްކުޅި އަޑަކުން ގޮވާލާ އަޑު އަދިވެސް ކަންފަތުގައި ހަރުލާ ހުރި ކަހަލަ.. ސުވަރުގޭގެ މަތިވެރިވެގެންވާ ނިޢުމަތް މިންވަރު ކުރައްވާށި. މަރަކީ ޙަޤީޤަތެއް..

    28
  2. ރަން ރީނދޫ

    إنالله وإنا إليه راجعون اللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد ونقه من الذنوب والخطايا كما ينقى الثوب الأبيض من الدنس اللهم امين يارب العالمين.

    12
  3. ދޮންރަހާ

    ސަންދާނު ނެރެގެން ޖަލައްލި އަހަންމާދީ، އިބުރާހިމް ލުތުފީ، ނަޒާކީ ޒަކީ، މިތިން މީހުން ނަކީ ސަންދާނު ނެރުމުގެ މޭސްތިރިން އިބުރާހިމް ލުތުފީ ހިންގި ވިއުގަ ކިޔާ އޮފީހުގަ އުޅުނު އަންހެން ކުއްޖަކުވެސް އެމައްސަލާގަ ބަންދުކުރި މައުމޫނުގެ ތިރީސް އަހަރުގެ ވެރިކަމުގަ މައުމޫނު ސައިޒައް ކަނޑާލީ ސަންދާނު

    4
    1