މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާ ގުޅިގެން ކުރިޔަށް ގެންދާ ޝަރީއަތް ލަސްވަމުން ދާތީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕުގައި ވެސް ހަރަކާތްތެރިވާ ޑރ. ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާއަކީ އިންސާނިއްޔަތާ ހިލާފު ބޮޑު ޖަރީމާއެއް ކަމަށާއި އެފަދަ ބޮޑު ޖަރީމާއެއްގެ ޝަރީއަތް ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ބާރުގަދަ ބޮމެއް ގޮއްވާލާ ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައެވެ. ބާރުގަދަ ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ވަނީ އެކިވަރުގެ ގެއްލުންތައްވެ، ބޭސްފަރުވާގެ ކަންކަމުގައި އެތައް މަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަންނަވައިފައެވެ.

އެމަނިކުފާނަށް ދިން ނުރައްކާތެރި ހަމަލާއަށް ނުވަ މަސް ދުވަސް ވެފައިވާއިރު މިއަދު ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާގެ ޝަރީއަތްތައް އަވަސްކޮށް، އެ އަނިޔާވެރި އަމަލު ހިންގި ބަޔަކަށް ހައްގު އަދަބު ދިނުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީގެ ނުފޫޒު ގަދަ އިސް ފަރާތްތަކުން އެމަނިކުފާނަށް ދިން ހަމަލާގެ ޝަރީއަތް ބާއްވާފައި ބަލަނީ އަދިވެސް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލެވޭނެ ގޮތެއްކަން ފާހަގަ ކުރައްވާ އޭނާ ވަނީ އެމްޑީޕީއަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ފަނޑިޔާރުންނަށް ވެސް ބިރު ދައްކައިގެން ރައީސް ޔާމީން ޖަލަށް ލެވޭނެ ގޮތެއް ބަލާއިރުގައި އަމިއްލަ ޕާޓީގެ ރައީސް މަރާލަން އުޅުނު މީހުންގެ ޝަރީއަތް މަތިން ހަނދާނެއް ނެތް ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޝަހީމް އިޝާރަތް ކުރައްވަނީ ރައީސް ޔާމީން ޖަލަށް ނުލާ ކަމުގައިވާ ނަމަ ގާޒީން ވެސް ބަދަލުކުރާނެ ކަމަށް މެންބަރު އަލީ އާޒިމް ވިދާޅުވި ވާހަކައަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    އެއީ ނަސީދު އަމިއްލަޔަށް ރާވާ ހިންގި ކަމެއް. ގެގަހުރެގެން ރެނދާފުށް ކައިގެން އައީ އޭތި ގޮވިމާ ވެއްޓިގަތީ އެކަނއެގޭނެ. އެހާގިނަތަކެތި ހަށިގަނޑުގެ އެތަންމިތަނަށް ވަންއިރު މަގުމައްޗަށް ލޭތިއްކެއް ވެއްޓިފަ ނެތީ އެއީ ލޭ ނުހުންނަ ކުރަތްޕެއްތަ؟