ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވަކި ކެންޑިޑޭޓަކަށް ވޯޓު ދޭން އިންޒާރު ދެއްވައި ފެނަކަ ކުންފުނީގެ އޮޕަރޭޝަން ހެޑް ޒާހިރު އުސްމާން ދެއްކެވި ކަމަށް ބުނާ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިފާއު ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، ށ. ފޯކައިދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ ޒުވާނަކަށް، ޒާހިރު އުސްމާން ދެއްކެވި ވާހަކައެއްގެ އޯޑިއޯ ވަނީ އިއްވަވައިފައެވެ. އެއީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމަށް އެ ހުއްދަ ރިޔާސަތުން ދެއްވުމުންނެވެ.

އޯޑިއޯ އިއްވި ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭގައި ފުރަތަމަ ވެސް ޒާހިރު ވިދާޅުވަނީ ވަޒީފާއިން ވަކި ނުކުރައްވާނެ ވާހަކަ ކަމަށާއި ވޯޓު ދެއްވާނެ ގޮތް ކިޔައި ދެއްވަނީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ކަން އިވިގެންދާ ކަމަށެވެ. އެހެންވެ އެއީ ނުފޫޒެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ ވާހަކަ ދެއްކެވި ބޭފުޅަކީ ކޮމަންޑޫ ދާއިރާގެ ވޯޓު ހައްގު ބޭފުޅެއް، އޭނާ ދެއްކެވި ވާހަކައެއް ދެން އެ ދެއްކެވީ އޭނާގެ އަމިއްލަ ހައިސިއްޔަތުން، އޭނައަށް ވެސް ކެމްޕޭން ކުރަން ފުރުސަތު އޮވޭ، އޭނަ ފުރަތަމަ ވެސް އެ ދަންނަވަނީ ވަޒީފާއިން ވަކި ނުކުރާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ޝިޔާމް އޭގެ ފަހުގައި ފާހަގަ ކުރެއްވީ ޒާހިރު ފަހުން ވިދާޅުވާ ވާހަކައެވެ. އެއީ "ސަންޑޭއަށް ކަނޑާ ވައްޓާލަން" ކަމަށް ޒާހިރު ވިދާޅުވާ ބައެވެ. އޭގެ ކުރިން "އެމްޑީއަށް އެއްބާރުލުން ދިން ކަމަށް ވާނީ، އައީޑީ ކާޑު ދީފައި، ވޯޓު ލާން ނުދިއުން،" ކަމަށް އޯޑިއޯގައި އިވޭ ބައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޝިޔާމް ދެކެވަޑައިގަންނަވަނީ އެއީ ދައުލަތުގެ ކުންފުންޏެއްގެ އިސްވެރިޔަކު އެ ކުންފުންޏެއްގެ މުވައްޒަފަކާއި ވާހަކަ ދައްކަވައިގެން ވާނެ އަޚްލާގީ މިންގަނޑެއް ނޫން ކަމުގައެވެ.

އޯޑިއޯ އިއްވުމުގެ ކުރިން މެންބަރު ޝިޔާމް ވިދާޅުވީ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށާއި، ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޒާހިރު އުސްމާނާއި ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންތަކެއް ވެސް މީސް މީޑިއާގައި ނުރުހުން ފާޅު ކުރައްވާފައިވެއެވެ. އަދި ޒާހިރު ފެނަކައިގެ ވަޒީފާއިން ވަކިކުރަން ވެސް އެ އެކްޓިވިސްޓުން ގޮވާލައްވައިފައިވެއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓު ހޯދަން ސަރުކާރުގެ އިސް ބޭފުޅުން ގިނަ ނުފޫޒުތަކެއް ފޯރުވި ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އިރު، ރާޝިދު ވަނީ މިއަދު މަޖިލިސް މެންބަރު ކަމުގެ ގާނޫނީ ހުވާ ވެސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    އެވާހަ ކަ އެދެއް ކިވި ބޭފުޅާ އެދެއް ކެވީ އޭނަގެ އަމިއްލަ މުދަލެ އަމިއްލަ ގެއިން ނެލެރެލާނެ ވާހަ ކައެއްނޫން ފެނަ ކަ ކުންފުންޏަ ކީ ދައުލަތުގެ ކުންފުޏެ އެތަނުގަހިގަނީ ދައުލަތުގެ އަމުރު ދައުލަތުގަހުންނަނީ ރައްޔިތުންގެ މުދާ..ތިވާހަ ކަ ދެއް ކި ޒާހިރަ ކީވެސް ރައްޔިތުންގެ ޓެ ކްސްފައިސާއިން މުސާރަނަގާ މީހެއް..ދެން މަޖުލިހުގަ ތިއިން ރައީސަ ކީވެސް ރައްޔިތުންގެ ޓެ ކްސްފައިސާ ނަގާމީހެއް..ދެން ވޯޓުދޭންވީގޮތް އަމިއްލަ ހައިސިއްޔަތުން އިންޒާރުނުދެވޭނެ ކަން މަޖުލިހު ރައީސަށް ނޭގުނު..

  2. ހުސޭނުބޭ

    ހެޔޮ އެއްވެސް އެއްޗެއް ނޭގޭ މީހަކު ވާހަކަދައްކާނީ ތިގޮތަށް

  3. ނާދިރާ

    13 އަހަރުގެ ޓެރަރިސްޓެއްގެ ޖަލު ހުކުމަށް ފިލައިގެންއުޅޭ މީހެއްގެ ވާހަކަ ހުންނާނީ ތިހެން