ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ މާޗް މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު މީގެ ކުރިން ފުރުއްވަމުން ގެންދެވި އެމްޑީޕީ މެމްބަރު އިބްރާހިމް ޝިމާއު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން މާޗް މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށާއި އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ 15:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އީސީން ބުނީ ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 26 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 15:00 އަށް ކަމަށާއި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ކަމަށެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މާރިޗު 28 ވާ ހޯމަ ދުވަހު ކަމަށް އީސީން ވަނީ ބުނެފައެވެ.

ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެއެވެ.